ޚަބަރު

ރޯދަމަހުގެ ފުރަތަމަ 10 ދުވަހު 692 މައްސަލަ، ގިނައީ ޓްރެފިކް އެކްސިޑެންޓުތަކާއި ވައްކަމުގެ މައްސަލަ


  • 2 ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ

  • ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަ

ރޯދަމަހުގެ ފުރަތަމަ 10 ދުވަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތައް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފުލުހުންނަށް ޖުމްލަ 692 މައްސަލަ ހުށަހަޅާފައިވެއެވެ. ނިމުނު ފެބްރުއަރީ މަހާ އަޅާ ބަލާއިރު ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 153 މައްސަލަ ހުށަހަޅާފައިވެއެވެ. 2 ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 143 މައްސަލަ ހުށަހަޅާފައިވެއެވެ.

ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މަސްތުވާތަކެތީގެ 110 މައްސަލަ ހުށަހަޅާފައިވެއެވެ.

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށްށާއި، މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.