ޚަބަރު

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަމަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްފި


  • ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ކުރިން އޮތީ މިމަހުގެ ނިޔަލަށް

  • މުއްދަތު އިތުރުކުރީ ސަރުކާރު ބަންދު ދުވަސްތަކެއް އަންނާތީ

އިތުރު ތަފްސީލް އަޕްލޯޑުކުރެވޭނެހެން ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިތުރުކުރައްވައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، 4000 ފްލެޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކުރުމަށް އެވުޒާރާއިން ނިންމަވާފައިވާކަމަށެވެ. އަދި މިގޮތަށް ނިންމަވާފައިވަނީ ޝަކުވާ ހުށައެޅުމަށް ދީފައިވާ މުއްދަތުގެ ތެރެއިން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައިވާތީކަމަށެވެ. އެހެންކަމުން ފްލެޓު ލިސްޓާއި ގުޅިގެން ޝަކުވާ ހުށައަޅުއްވަން ބޭނުންވަ ފަރާތްތަކަށް މިއަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިތުރުކޮށްފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ޝަކުވާ ހުށައެޅުމުގެ މުއްދަތަށް ގެނައި ބަދަލާއެކު ޝަކުވާ ހުށައަޅާއިރު ބޭނުންވާ އިތުރު ތަފްސީލު ޕޯޓަލްގެ ތެރެއިން ލިޔުމުގެ ފުރުޞަތުވެސް މިހާރު އޮންނާނެކަމަށެވެ.

އެގޮތުން ފްލެޓު ލިބޭމީހުންގެ ލިސްޓު ވެރިފައިކުރުމުގެ މަރުޙަލާގައި ކަން ހިންގާފައިވާ ގޮތަށް ރިޢާޔަތްކޮށް ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށައަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުންގައި ހުރި މަޢުލޫމާތުތަކުގެ ތެރެއިން ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއަށް ބެލެންހުރި މަޢުލޫމާތުތައް ބަލައި ރިޢާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި އިތުރު ލިޔެކިޔުންތައް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.


ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް ސަރުކާރުގެ ފަރާތުން އިޢުލާންކޮށްފައިވަނީ މިދިޔަމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ އެއްވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު އިޢުލާންކޮށްފައިވާ ލިސްޓްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން މިމަހުގެ ނިޔަލަށް ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އެއީ 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނާއި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބުނު 397 މީހުންނެވެ.