ޚަބަރު

ޓްރަމްޕާ މަޝްވަރާ ކުރެއްވުމަށް ފަހު ޕުޓިން ނިންމެވީ ޔޫކްރެއިންގެ ހަކަތައިގެ ވިއުގައަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް


ޔޫކްރެއިންގެ ހަކަތައިގެ ވިއުގައާއި އިންޖީނުގެތަކަށް އަމާޒުކޮށް ރަޝިޔާއިން ދެމުންދާ ޙަމަލާތައް 30 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް ރައީސް ވްލަޑިމިޔަރ ޕުޓިން އެއްބަސްވެ ވަޑައިގަންނަވައިފިއެވެ. އޭނާ މި ކަމަށް އެއްބަސްވެ ވަޑައިގަންނަވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފޯނުން ގުޅުއްވައި ބޭއްވެވި މަޝްވަރާތަކަކަށް ފަހުއެވެ. 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެމެރިކާއިން ހުށަހަޅާފައި ވަނީ، ޙަމަލާ ބަދަލު ކުރުން 30 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށެވެ. ނަމަވެސް، އެ ކަމަށް އިންކާރު ކުރައްވައި ޕުޓިން ވަނީ ޔޫކްރެއިންގެ ހަކަތައިގެ ވިއުގައާއި އިންޖީނުގެތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށް އެއްބަސްވެ ވަޑައިގަންނަވާފައެވެ. ޔޫކްރެއިނުން ވަނީ ރަޝިޔާއިން އެއްބަސްވެފައިވާ ގޮތަށް އަމަލު ކުރުމަށް ބޭނުންވާ ކަން ހާމަކޮށްފައެވެ.

މި ގޮތުން، ރަޝިޔާގެ ހަކަތައިގެ ވިއުގައަށާއި އިންޖީނުގެތަކަށް އަމާޒުކޮށް ޔޫކްރެއިނުން ދެމުންދާ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށް އެ ޤައުމުން ވެސް މި ވަނީ އެއްބަސްވެފައެވެ. ޓްރަމްޕް ވިދާޅުވީ، މިއީ ޔޫކްރެއިން ހަނގުރާމަ ނިމުމަަކަށް ގެނައުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ފެށުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މިއީ ޔޫކްރެއިން ހަނގުރާމައިގައި ކުރިއެރުން ހޯދުމަށް ބޭނުންވާ އިތުރު ވަގުތު ހޯދުމަށް ޕުޓިން އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް ބެލެވޭ ކަމުގައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސުން ބުނީ، ކަޅު ކަނޑުގައި ރަޝިޔާއާއި ޔޫކްރެއިންގެ ފައުޖުތަކާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމާ ގުޅޭ މަޝްވަރާތައް ފެށުމަށް ވެސް ތައްޔާރުވަމުންދާ ކަމުގައެވެ. ދެ ގަޑިއިރަށްވުރެ ގިނައިރަށް ދެމިގެންދިޔަ ފޯން ކޯލްގައި ޕުޓިންއާއި ޓްރަމްޕް ވަނީ ޔޫކްރެއިން ހަނގުރާމަ ދާއިމީކޮށް ހުއްޓައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމަވާފައެވެ.

ޖިއްދާގައި އިތުރު މަޝްވަރާތައް ބޭއްވުމަށް ތައްޔާރު ވަނީ

ޓްރަމްޕްގެ ފަރާތުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، ރަޝިޔާއާއި އެމެރިކާއާ ދެމެދު އިތުރު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ކަމުގައެވެ. އެ މަޝްވަރާތަކަށް ޔޫކްރެއިނަށް ދަޢުވަތު އަރުވާފައިވާ ކަން ސާފެއް ނޫނެވެ. ރަޝިޔާއާއި އެމެރިކާއާ ދެމެދު ޖިއްދާގައި ކުރިން ބާއްވާފައިވާ މަޝްވަރާތަކަށް ވެސް ޔޫކްރެއިންގެ އިތުރުން ވިލާތުގެ ޤައުމުތަކަށް ދަޢުވަތު އަރުވާފައެއް ނެތެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ބުނީ، ޓްރަމްޕާ އެކު ބޭއްވި ފޯން ކޯލަށް ފަހު، ޔޫކްރެއިންގެ ހަކަތައިގެ ވިއުގައާއި އިންޖީނުގެތަކަށް އަމާޒުކޮށް ރަޝިޔާގެ ފައުޖުތަކުން ދެމުން ދިޔަ ޙަމަލާތައް ވަގުތުން މެދުކަނޑައިލުމަށް ޕުޓިން އަމުރު ކުރައްވާފައިވާ ކަމުގައެވެ. އަދި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުޠުތަކާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމުގައި ވެސް ކްރެމްލިނުން ބުންޏެވެ. ޕުޓިންއާ އެކު ބޭއްވެވި މަޝްވަރާތަކުގައި ޔޫކްރެއިނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައި ނުވާ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

ޙަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމާ މެދު ޕުޓިންގެ ކަންބޮޑުވުންތަކެއް އެބައޮތެވެ. އެއް ކަންބޮޑުވުމަކީ، ޙަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމުން ޔޫކްރެއިންގެ އަސްކަރިއްޔާއަށް އިތުރު ހަތިޔާރު ހޯދައި ސިފައިންނާއި ހަތިޔާރުގެ ސަފުތައް އަލުން ރުކުރުވައިލުމުގެ ފުރުޞަތު ލިބުމެވެ.

ޔޫކްރެެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ ހަކަތައިގެ ވިއުގައާއި އިންޖީނުގެތަކަށް ޙަމަލާ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ޤައުމުން އިޙުތިރާމު ކުރާނެ ކަމުގައެވެ. ނަމަވެސް، ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ކަން އޭނާ ވެސް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މާރިޗު 18ވަނަ ދުވަހު ރަޝިޔާއިން 40 އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އޭގެ ތެރެއިން އެއް ޙަމަލާގައި ސޫމީ ސަރަޙައްދުގައި އޮންނަ ހަސްފަތާލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.