ޚަބަރު

ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށްދޭ އިނާޔަތް ބޮޑުކޮށް، އުޞޫލު އާންމުކޮށްފި


  • މިއީ ރައީސްގެ ވަޢުދުފުޅެއް

  • އުޞޫލު އާންމުކުރާ ދުވަހުން ފެށިގެން އިނާޔަތްދޭގޮތަށް ވަނީ ހަމަޖައްސާފައި

  • ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށްވެސް އިނާޔަތްދެވޭނެ

03 ނޮވެންބަރ 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި، އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށްދޭ އިނާޔަތް ބޮޑުކޮށް، އެކަމުގެ އުޞޫލު ދިފާޢީ ވުޒާރާއިން އާންމުކުރައްވައިފިއެވެ.

މި ފަރާތްތަކަށް ސަރުކާރުން ދޭ އިނާއަތް ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މިގޮތުން 1988 ނޮވެމްބަރ 03 ވަނަދުވަހުގެ ޢުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކަމުގެ ސަބަބުން މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ އަދި މެޑެލް ފޮރ ބްރޭވަރީގެ ޝަރަފް އެރުވިފައިވާ ބޭފުޅުންނަށް މި އުސޫލުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ސަރުކާރުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ.

މިކަމާގުޅިގެން ދިފާޢީ ވުޒާރާއިން މިއަދު އާންމުކުރެއްވި އުޞޫލުގައިވާގޮތުން ނޮވެމްބަރު 3 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ ޚިދުމަތް ފާހަގަކޮށް އިނާޔަތް ދެވޭނީ އެ ޝަހީދުންގެ ޢާއިލާތަކަށެވެ. އަދި ޝަހީދުވި މީހާގެ ޢާއިލާކަމުގައި ބަލާނީ މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާއެވެ. މި އުޞޫލުގައިވާގޮތުން 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ ޢާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް (މަންމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާ) އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9000 ރުފިޔާ ދެވޭނެއެވެ.

މި އުޞޫލުގެ ދަށުން 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތްތަކުގެ ތަފްޞީލުވެސް ވަނީ ހިމަނާފައެވެ.

އެގޮތުން ހުރަވީ ރަން މެޑެލި ދެވިފައިވާ ފަރާތްތަކަށް އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުންމަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 9000 ރުފިޔާ ދެވޭނެއެވެ. އަދި ހުރަވީ ރިހި މެޑެލި ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުންމަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 8000 ރުފިޔާ ދެވޭނެއެވެ. ހަމައެހެންމެ 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން ހިތްވަރުގަދަ ޢަމަލު ފާހަގަކޮށް ހިތްވަރުގަދަކަމުގެ ކުލަ ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުންމަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6000 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އުޞޫލުގައިވާގޮތުން 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތް ދެވޭނީ އެ ފަރާތެއް ދުނިޔޭގައި ދެމިހުރި ދުވަސްތަކަށް ކަމުގައިވާތީ، މި އިނާޔަތް ލިބެމުންދާ ފަރާތެއް މަރުވެއްޖެނަމަ ޢިނާޔަތްދިނުން ހުއްޓުމަކަށް އަންނާނެއެވެ. އަދި މި އިނާޔަތް ލިބޭ ފަރާތެއް މަރުވެއްޖެނަމަ، އެކަން 1 މަސްދުވަހުގެ ތެރޭގައި ދިފާޢީ ވުޒާރާއަށް އެ ފަރާތެއްގެ ޢާއިލާއިން އަންގަންވާނެކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

03 ނޮވެންބަރ 1988 ގެ އުދުވާނީ ޙަމަލާގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް އާދަޔާ ޚިލާފު ހިތްވަރު ދައްކުވައިދިން ޤައުމީ ބަތަލުން އެކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު ދިރުވާއާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމެކެވެ.