ކުޅިވަރު

ޢީދު ބައިބަލާ ޗެލެންޖް 1446 ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ޢީދު ބައިބަލާ ޗެލެންޖް 1446 ގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ. ބައިބަލާ އެސޯސިއޭޝަން އާއި ޕީއެސްއެމްއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، ބައިބަލާ އެސޯސިއޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ސެކްރެޓެރީ ޖެނެރަލް ސައީދު އަލީއެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ސޭލްސް އެންޑް މަރކެޓިންގެ ހެޑް އިބްރާހީމް ރަމީޒެވެ.

ޢީދު ބައިބަލާ ޗެލެންޖާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވަމުން ބައިބަލާ އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރު އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަސީލް ވިދާޅުވީ މިމުބާރާތް ޕީއެސްއެމްއާ ގުޅިގެން ކުރިއަށް ގެންދާނީ ބަދަލުތަކަކާއެކުގަކަމަށެވެ. އެގޮތުން "ޕީއެސްއެމް އެއަރ" މެދުވެރިކޮށް މި މުބާރާތަށް އިތުރު ކަންތައްތަކެއް ރާވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އަސީލް އިތުރަށް ވިދާޅުވީ މި މުބާރާތް ޕީއެސްއެމްއާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އުއްމީދަކީ ފާއިތުވެ ދިޔަ އަހަރުތަކަށްވުރެ ރަނގަޅަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުންކަމަށެވެ. މުބާރާތް ކުރިއަށްދާއިރު ޕީއެސްއެމްއަށް އެސޯސިއޭޝަނުގެ އެއްބާރުލުން އެންމެ ފުރިހަމައަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުން އަސީލް ވިދާޅުވީ މި އަހަރުގެ މުބާރާތުން ތަފާތުތަކެއް ފެނިގެންދާނެ ކަމަށެވެ.

"ވަރަށް ބައިވަރު ބަދަލުތަކާ ވަރަށް ބައިވަރު ޗެލެންޖެސްތަކެއް މިފަހަރު އެބަހުރި. އެހެން ނަމަވެސް ތަފާތު ވަރަށް ބޮޑަށް ފެނިގެންދާނެ" އަސީލް ވިދާޅުވިއެވެ.

މިގޮތުން ތަނުގެ ލޭއައުޓަށާއި، އެރީނާއިން ބޮޑެތި ބަދަލުތަކެއް ފެންނާނެކަން އަސީލް ހާމަކުރެއްވިއެވެ. އެސޯސިއޭޝަނުން މަސައްކަތްކުރަމުންދަނީ އާންމުންނަށް ލުއި ފަސޭހަކަމާއެކު މުބާރާތް ބަލާލެވި، ޒުވާނުންނާއި ރަހުމަތްތެރި ގޮތަކަށް މުބާރާތް ކުރިއަށް ގެންދިއުމަށްކަމަށް އަސީލް ވިދާޅުވިއެވެ.

އަދި މުބާރާތް އިންތިޒާމުކުރުމުގައި ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވަމުން އަސީލް ވަނީ ކުޅިވަރު ވަޒީރު ރަފީޢުއަށާއި، ބައިބަލާ އެސޯސިއޭޝަނާއި ޕީއެސްއެމްގެ އިތުރުން އެއްބާރުލުން ދެއްވާ އެންމެހާ ފަރާތްތަކަށް އަދި މުބާރާތުގެ ސްޕޮންސަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މުބާރާތުގައި އެއްވެސް ގޮތަކުން އެއްބާރުލުން ދެއްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވިފައިވާކަމަށްވެސް އަސީލް ވިދާޅުވިއެވެ.

ޢީދު ބައިބަލާ ޗެލެންޖް 1446 ބޭއްވުމަށް ހަމަޖެހިފައިވަނީ ވަޅު ޢީދު ދުވަހުއެވެ.