ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ސޫރިޔާގެ އެކި ހިސާބުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.
ޔަހޫދީންގެ އިސްތިޢުމާރީ ޙަމަލާތައް އަމާޒުކޮށްފައިވަނީ، ސޫރިޔާގެ ޙުމްސްގެ އިތުރުން ދަރްޢާ އަށެވެ. ސޫރިޔާގެ ސަލާމަތީ ބާރުގެ އޮފިޝަލަކު ވިދާޅުވީ، ދިމިޝްޤުގެ ދެކުނުގައި އޮންނަ އަވަށެއްގެ އިތުރުން، ދަރްޢާ އަށް ވެސް ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ. ދަރްޢާއަށް ދިން ޙަމަލާތަކުގައި ދެ މީހުން ޝަހީދުވެ، 19 މީހުން ވަނީ ޒަޚަމްވެފައެވެ.
ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޔަހޫދީ ފައުޖުގެ މި އިސްތިޢުމާރީ ޙަމަލާތަކަކީ، ސޫރިޔާގެ ރައްޔިތުންނަށް އަމާޒުކޮށް ޤައުމުގެ ހަމަޖެހުން ނަގައިލުމުގެ ނިޔަތުގައި ދެމުންދާ ޙަމަލާތަކެއް ކަމަށެވެ.
ޔަހޫދީ ސިފައިން ސޫރިޔާއަށް އަރައިގަނެފައި ވަނީ، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލުމަށް ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ހިންގި އޮޕަރޭޝަނާ ގުޅިގެންނެވެ. ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ފައުޖުތަކުން ވެރިރަށް ދިމިޝްޤަށް އަރައި، އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތައް ކޮންޓުރޯލު ކުރުމުގެ ފުރުޞަތު އެޗްޓީއެސް އަދި ސޫރިޔާގެ އަސްކަރިއްޔާއަށް ވެސް ނުދޭނެ ކަމަށް ބުނެފައެވެ. އަދި، ޒަޔަނިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ގޮތުން، އެ އެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން ނުބާލާނެ ކަމުގައެވެ.