އޭޝިއަންކަޕް ކޮލިފައިންއަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިރޭ އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭގެ ގައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
މިއަދު ހަވީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގައުމީ ޓީމަށް ހިއްވަރު ދެއްވާ ކާމިޔާބީއަށް އެދިވަޑައިގެންވާއިރު ދިވެހި ޓީމު މިވަގުތު ތިބީ އިންޑިއާ އާއި އެކު ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗަށް ޝިލޮންގުގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައެވެ.
މި މެޗަކީ ސަރަހައްދީ ގަދަބާރުކަމުގައި އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗެއްކަމުގައިވީނަމަވެސް ދިވެހި ޓީމުން ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމުގެ އަޒުމުގައި ނިކުންނަ އިރު ޓީމަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒެއިން ވަނީ ބުނެފައެވެ.
މިރޭ 18:30 ގައި އޮންނަ މި މެޗު ޕީއެސްއެމްގެ ޔޭސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ 25 ގައި އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ޕިލިޕީންސް އާއި ދެކޮޅަށް ކުޅޭ މެޗުވެސް ޕީއެސްއެމްއިން ވަގުތު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. މި މެޗު އޮންނާނީ ޕިލިޕީންސްގައެވެ.
ސަރަހައްދީ ފުޓްބޯޅައިގައި ދެވަނައަށް އެންމެ ރޭންކިން ރަނގަޅު ގައުމަކީ ރާއްޖެއެވެ. ރާއްޖޭގެ ގައުމީ ޓީމަކީ ގަދަފަދަ އިންޑިއާވެސް ޖެހިލުންވާ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިތަކެއް ހިމެނޭ ޓީމެއް ކަމަށް ފާއިތުވި ދުވަސްތަކުގައި އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުންވެސް ހާމަވެއެވެ.
މިއަދު ކުޅޭ ފުޓްބޯޅަ މެޗަކީ އިންޑިއާއަށްވެސް ވަރަށް މުހިންމު މެޗެއް ކަމަށް އެގައުމުން ބުނެފައިވާއިރު ދިވެހިންގެ ފަހުރު ކަމުގައިވާ ދިވެހި ފުޓްބޯޅަ ޓީމުން މިއަދު ނިކުންނާނީ މުޅި ގައުމު ހެއްވާލަދިނުމަށެވެ. އަދި ރާއްޖޭގެ ހުއްޓިފައި އޮތް ފުޓްބޯޅަ ފޯރި އަލުން އިޔާދަކޮށް، އަލުން އެ ފޯރި ގެނައުމަށް ދިވެހި ކުޅުންތެރިން ތިބީ ގަދަ ހިތްވަރާއި އަޒުމުގައެވެ.