ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގެ ސެމީ ފައިނަލަށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، މީރާ އަދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ދަތުރުކޮށްފިއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި މި ފަހަރުވެސް ތިން މުބާރާތެއް ހިމެނެއެވެ. އެގޮތުން ސަރުކާރު އޮފީސްތަކަށް ހުޅުވާލެވިގެން ބާއްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، މީގެ ކުރިން ވަނީ ދިވެހީންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން ޓޭޕްބޯލް މުބާރާތުގެ ކުޅުން ނިމިފައެވެ. އަދި ކާނިވަލުގެ ފަހު މުބާރާތަކީ ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ.
އޮފީސް ޓޭޕްބޯލް މުބާރާތުގައި މި ފަހަރު ހަ ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗު އިމިގްރޭޝަންއާ ބައްދަލުކޮށް މީރާ ކާމިޔާބުކުރީ 8 ލަނޑުންނެވެ. ދެވަނަ މެޗު ކުޅިވަރާ ބެހޭ ވުޒާރާއާ ބައްދަލުކޮށް ޑީއެސްސީ ކާމިޔާބުކުރީ 8 ވިކެޓުންނެވެ.
ފުރަތަމަ މެޗް މީރާއިން ގެންދިޔައީ 8 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 108 ލަނޑު ހަދައިގެންނެވެ. މި މެޗުގައި މީރާއިން އެންމެ ރަނގަޅަށް ކުޅުނީ 49 ލަނޑު ހެދި މުހަންމަދު ޖިނާހެވެ. ޖަވާބުގައި އިމިގްރޭޝަން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 100 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑު ހެދި އާދިލް އަލީ އާއި 2 ވިކެޓް ނެގި އިބްރާހިމް އާފާގެވެ.
ދެވަނަ މެޗުގައި ސްޕޯރޓްސް އެންޑް ރިކްރިއޭޝަން ޓީމުން ކުޅެންއަރާ 8 އޯވަރުގެތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 68 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 2 ވިކެޓް ނެގި އަހުމަދު ރަސާދެވެ. ޖަވާބުގައި ޑީއެސްސީން ކުޅެންއަރާ އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 70 ލަނޑު ހެދި އިރު އެންމެ ރަނގަޅަށް ކުޅުނީ ޑީއެސްސީއަށް 25 ލަނޑު ހަދައިދިން އަހުމަދު އިކްރާމެވެ.