ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ އިސް ދެ މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގެ ދަށުން، އެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގަނެ، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުން ދައުވާ ކޮށްފައިވަނީ އެ ސިޓީގެ ދޫޑިގަން އަވަށަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ޒަމާނީގެ، ޙަސަން ޢާޒިމާއި، ކަރަންކާވިލާ، އަޙްމަދު ނިއުޝާދުގެ މައްޗަށެވެ.
ޕީޖީ އޮފީހުން ވަނީ ހަސަން އާޒިމާއި އަޙްމަދު ނިއުޝާދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައެވެ. އެއީ ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ 27 އެޕްރީލް 2024 ދުވަހު ޏ.ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ، ގަނޑުކޮށް، ޙަސަން އާޒިމާއި، އަޙްމަދު ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުން، އެކަން އިތުރަށް ތަޙުޤީޤުކޮށް ބެލިއިރު، ޙަސަން ޢާޒިމް އިސްވެހުރެ، އަޙްމަދު ނިއުޝާދާއެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލައް ސިޓީގައި ނެޓްވޯކެއް ޤާއިމްކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވާކަން އެނގިފައިވާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، 01 އޮގަސްޓު 2024 ދުވަހުގެ ނިޔަލަށް އެ ނެޓްވޯކު ހިންގައި، އެ ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ޙަސަން ޢާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 5,998,696.60 (ފަސްމިލިއަން ނުވަލައްކަ ނުވަދިހަ އަށެއްހާސް ހަސަތޭކަ ނުވަދިހަ ހައެއްރުފިޔާ ފަސްދޮޅަސް ލާރި) އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ޙާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އަޙްމަދު ނިއުޝާދުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21,855,766.99 (އެކާވީސް މިލިއަން އައްލައްކަ ފަންސާސްފަސްހާސް ހަތްސަތޭކަ ފަސްދޮޅަސް ހައެއް ރުފިޔާ ނުވަދިހަ ނުވަލާރި) އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ޙާލަތުގައި، އެ ފައިސާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މި ދައުވާތަކާ ގުޅިގެން 1,194,290.31 (އެއްމިލިއަން އެއްލައްކަ ނުވަދިހަ ހަތަރުހާސް، ދުއިސައްތަ ނުވަދިހަ ރުފިޔާ ތިރީސް ލާރި) ދައުލަތަށް ނަގައިދިނުމަށް ޕީޖީ އޮފީހުން ވަނީ ކޯޓުގައި އެދިފައެވެ. އެ އޮފީހުން ވިދާޅުވީ މި ފައިސާއަކީ ކުށްކޮށްގެން ހޯދާއިފައިވާ ފައިސާކަމަށް ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް ބަހައްޓާފައިވާ ފައިސާ ކަމަށެވެ.
ފައިސާގެ އިތުރުން 4 ސައިކަލާއި 5 ކާރާއި 2 ޕިކަޕާއި ކަނޑު އުޅަނދަކާއި 29 ސަންކޮނުއަރ ގުރާ، 9 ރިންގްނެކް ގުރާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.