ޚަބަރު

އިލާންގެ އަނިޔާ ސީރިއަސް ނުވިޔަސް، މަހެއްހާ ދުވަހަށް ކުޅުމާއި ދުރަށް


  • ކުޅުމަށް އެނބުރި އާދެވޭނީ 3-6 ހަފުތާ ފަހުން

  • ގައުމީ ޓީމުގެ ތިން މެޗު ވެސް ގެއްލޭނެ

  • އިލާންއަށް އަނިޔާވީ އޮޑި މެޗުގެ ތެރެއިން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޒުވާން ތަރި މުހައްމަދު އިލާން އިމްރާންގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ނުވިޔަސް މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާންޖެހޭނެ ކަމަށް މާޒިޔާގެ ކޯޗު ތޯމަސް ޓުރުޗާ ބުނެފިއެވެ.

އިލާންގެ ކަކުލަށް އަނިޔާވީ ލީގުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާއިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވަނީސް އިލާންގެ ކަކުލަށް އަނިޔާވެ ވަނީ ބަދަލުކޮށްފައެވެ. އެންމެ ފުރަތަމަ ބެލެވުނީ އިލާންގެ ކަކުލަށް ލިބުނީ ސީރިއަސް އަނިޔާއެއް ކަމަށެވެ. އެކަމަކު މާޒިޔާއިން އަންނަ ބުރާސްފަތި ދުވަހުގެރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓުރުޗާ ބުނީ އިލާންގެ އަނިޔާ ސީރިއަސް ނޫން ކަމަށެވެ.

"އަހަރެންއަށް ދެވެން އޮތީ ދެ ހަބަރެއް. އެއީ އިލާންގެ އަނިޔާ ސީރިއަސް ނޫން. އެކަމަކު 3-6 ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހޭނެ. އަހަރެން ފުރަތަމަ ވެސް އުންމީދު ކުރަމުން އައީ މިއީ އޭސީއެލް ނުވަތަ ބޮޑު ސާޖަރީއެއް ކުރަން ނުޖެހޭ އަނިޔާއަކަށްވާން. މިހާރު އިލާން އަންނަނީ އަނިޔާއިން ސަލާމަތްވާން މަސައްކަތް ކުރަމުން." ޓުރުޗާ ފާހަގަކުރިއެވެ.

މާޒިޔާގެ ފޯވާޑްލައިންގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އިލާން ވަނީ މި ސީޒަނުގައި މާޒިޔާއިން ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު ތިން މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި ކަޕް ވިނާސް ކަޕް މާޒިޔާއިން ކާމިޔާބުކުރި މެޗުގައި އިލާން ވަނީ ނިއުރޭޑިއަންޓް ކޮޅަށް ލަނޑުވެސް ޖަހައިފައެވެ.

އަނިޔާގެ ސަބަބުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ސީނިއާ ޓީމުން ޗައިނާ، ކިރްގިސްތާން އަދި ލުބްނާންއާ ދެކޮޅަށް ކުޅޭ މެޗުގައި އިލާންއަށް ނުކުޅެވޭނެއެވެ. ގައުމީ ޖޫނިއާ ޓީމުގެ ކެޕްޓަން އިލާން އަންނަނީ މި ފަހުން ގައުމީ ސީނިއާ ޓީމުގައި ހިމެނި މެޗުތަކުގައި ކުޅެމުންނެވެ.

ގައުމީ ޓީމުން އިންޓަނޭޝަނަލް ބްރޭކްގައި ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ނުކުންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ކިރްގިސްތާނާއާ ދެކޮޅަށް އެގައުމުގައި ނުކުންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ފަހު މެޗުގައި އަންނަ މަހުގެ އެއްވަނަ ދުވަހު ނުކުންނާނީ ލުބުނާންއާ ދެކޮޅަށެވެ. އެ މެޗު ވެސް ކުޅޭނީ ކިރްގިސްތާންގައެވެ. މިއީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ކުޅޭ މެޗުތަކެކެވެ.