ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފިއެވެ.
އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރަނީ ބޯޑް އޮފް އިންވެސްޓްމަންޓުންނެވެ. އެ ބޯޑުން ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިގްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސްއަށް ހުއްދަ ދީފައިވަނީ ނ. އަތޮޅުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެ މަޝްރޫއު ކުރިއަށްގެންދާނީ އެ އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ކުރިއަށްގެންދާ މި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްގީ ކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
The Board of Investments has today issued an Initial Permit to develop a Sustainable Township Project to be developed under the framework of the SEZ Act. The project features luxury real estate, healthcare, renewable energy infrastructure & food security. pic.twitter.com/5vgBNWJZHV
— Ministry of Economic Development and Trade (@MoEDmv) March 19, 2025
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވޭނެ ކަމަށްވެސް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންއަށް ދީފައިވާ ހުއްދައިގެ ދަށުން 180 ދުވަހުގެ ތެރޭގައި ފީސިބިލިޓީ އެސެސްމަންޓަކާއި އިންފްރާސްޓްރަކްޗަރ މާސްޓަރ ޕްލޭނާއި އިންޖިނިއަރިން އަދި ތިމާވެށީގެ ތަހުލީލުތަކާއި ތަފްސީލީ ވިޔަފާރީ ޕްލޭން ހުށަހަޅަންޖެހޭނެ ކަމަށެވެ.
ކްރިސްޓަލް ހޯލްޑިންއަށް މި މަޝްރޫއު ކުރިއަށްގެންދެވޭނީ ހުރިހާ ޕްލޭންތަކެއް ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށްފަހު އެ ބޯޑުން އެ ޕްލޭންތައް ފާސްކުރުމަށްފަހު މަޝްރޫއު ހަވާލުކުރުމުންނެވެ.