ޚަބަރު

ގެއްލުންތައް ވަޒަންކުރުމަށްފަހު އެހީ ފޯރުކޮށްދެމުންދާނެ: އެންޑީއެމްއޭ


  • ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތައް ލިބުނު

  • ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ފަށާފައިވޭ

ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ފާއިތުވެދިޔަ ހަތަރު ދުވަހު ރާއްޖެއަށް، ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ވިއްސާރައާ ގުޅިގެން މެދުކެނޑުނު ޢާންމު ޚިދުމަތްތައް އަލުން ފެށި، ޙާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވަމުންދާކަންވެސް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލާދީ އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ފަށާފައިވާކަމަށެވެ. އަދި ދިރިއުޅުމަށް ދަތިވެގެން ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކުރެވުނު ޢާއިލާތައް އަނބުރާ އެމީހުންގެ ގެދޮރަށް ބަދަލުވުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. މީގެއިތުރުން، ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް ޙައްލުކުރެވި، ޚިދުމަތް މިހާރު ވަނީ ގާތްގަނޑަކަށް ޢާންމު ޙާލަތަކަށް ގެނެވިފައެވެ.

ރަށްރަށުގެ ޙާލަތު އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަވަމުންދާއިރު، ފެންބޮޑުވި ސަރަޙައްދުތަކާއި ގެދޮރު ސާފުކުރުމުގައި ސަމާލުކަންދޭންޖެހޭ ޞިއްޙީ އިރުޝާދުތައް، ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދަނީ ޢާންމުންނަށް ފޯރުކޮށްދެމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން އެއޮތޯރިޓީން ވިލަރެސްކޮށް ފޯރުކޮށްދެމުން ގެންދާނެކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މި ޙާލަތަށް އިޖާބަދިނުމުގެ ގޮތުން، ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ ބުރާސްފަތި ދުވަހުން ފެށިގެން އެއްކޮށް އަލިވާން ފަށާނެއެވެ.

ޕެސިފިކް ކަނޑުގައި އުފެދިފައިވާ 'އެލްނީނޯ' ގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ބޮޑުވާނެކަމަށް ލަފާކޮށްފައިވާތީކައުންސިލްތަކާއި އެކި މުއައްސަސާތަކުން ދުރާލައި ތައްޔާރީ ފިޔަވަޅުތައް އަޅާފައިވާކަން އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.