އިންޑިއާގެ މަޝްހޫރު ކްރިކެޓް ޓީމު، މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް، އެމްއެމްޕީއާރުސީ ހަމަޖައްސައިފިއެވެ. މިއީ އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ބަލާ ކުޅިވަރުކަމަށްވާ ކްރިކެޓު ކަމަށްވާއިރު، މި ޕާޓްނާޝިޕްގެ ސަބަބުން އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައިވެސް ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާވެގެންދާނެކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ.
މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓްޓީމެކެވެ. އަދި މި ޓީމުން ވަނީ ފަސް އަހަރު ކްރިކެޓް ޗެމްޕިއަންކަންވެސް ހޯދާފައެވެ.
އެމްއެމްޕީއާރުސީއިން ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ޓޮޕް ސޯސް މާކެޓްތެރޭގައި ހިމެނޭ ގައުމަކަށްވުމުން، މި ޕާޓްނަޝިޕްގެ ސަބަބުން އިންޑިއާގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ޕްރޮމޯޓްކުރެވިގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން މިއަހަރު 200،000 ފަތުރުވެރިން އިންޑިއާއިން ރާއްޖެ ގެނައުމަށް ކަނޑައަޅައިފައިވާ އަމާޒަށް ވާސިލްވުމަށްވެސް ފަސޭހަވެގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީއިން ވިދާޅުވީ، މި ޕާޓްނަޝިޕްގެ ތެރެއިން މުމްބާއީ އިންޑިއަންސްއާއެކު ޑިޖިޓަލް ޕްރޮމޯޝަންތަކާއި، އޮން ގްރައުންޑް އެކްޓިވޭޝަންތަކާއި، ދިވެހިރާއްޖެ އަކީ އެންމެ މަޤްބޫލް ލަގްޒަރީ ޓްރެވަލް މަންޒިލުގެ ގޮތުގައި ފާހަގަކޮށްދޭ އެކްސްކްލޫސިވް ތަޖުރިބާތައް ހިމެނޭ ގޮތަށް ޝައުގުވެރި ކެމްޕޭންތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ޕާޓްނަޝިޕާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ، ކްރިކެޓަކީ މުޅި ދުނިޔޭގެ އެތައް ގައުމެއްގެ އެތައް މިލިއަން ބައެއްގެ ހިތްތަކުގައި ހާއްސަ ޖާގައެއް އޮތް ކުޅިވަރެއްކަމަށެވެ. އަދި އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ކްރިކެޓް ޓީމާ ގުޅުމުގެ ސަބަބުން އިންޑިއާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީއިން ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ބޭނުންވާފަދަ ލަގްޒަރީ ސްޓޭތަކާއި، ތަފާތު ތަޖުރިބާތައް ލިބޭ އިންޑިއާގެ ފަތުރުވެރިންގެ ގިނަ ބަޔަކު ދާން ބޭނުންވާ މަންޒިލެކެވެ. އަދި މުމްބާއީ އިންޑިއަންސްއާއެކު ހެދި މި ޕާރްޓްނާޝިޕްގެ ސަބަބުން އިންޑިއާގެ މާކެޓުގައި ދިވެހިރާއްޖޭގެ ޕްރެޒެންސް އިތުރުވެގެންދާނެކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން މިމަހުގެ 13ވަނަ ދުވަހު އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަރޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ވަނީ ހަމަޖައްސައިފައެވެ. މި ޕާޓްނާރޝިޕް ރަސްމީކޮށް އިފްތިތާހުކުރާނީ އަންނަ އޭޕްރީލްމަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ.