އެމެރިކާއިން ދެމުންދާ ވަރުގަދަ ވައިގެ ޙަމަލާތަކުގެ ތެރެއިން ވެސް، ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ލާއިންސާނީ ޢުދުވާނުތަކަށް ރައްދު ދިނުމަށް، ޔަހޫދީ ދަޢުލަތަށް އަމާޒުކޮށް ޔަހޫދީންނާ ދެކޮޅަށް ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންގެ ވަރުގަދަ ވައިގެ ޙަމަލާތަކެއް އަމާޒުކޮށްފިއެވެ.
އެމެރިކާއިން ޙޫޡީންނާ ދެކޮޅަށް ޔަމަނުގެ އެކި ހިސާބުތަކަށް ވައިގެ ޙަމަލާތައް ދެމުންދާއިރު، ރޭގެ ވަގުތެއްގައި ވަނީ ވެރިރަށް ސަންޢާގެ ބައެއް ހިސާބުތަކަށް ވައިގެ ޙަމަލާތައް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި ނުވަ މީހުން ޒަޚަމްވެގެން ފަރުވާދޭންޖެހިފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް، ޔަމަނުގެ ސިއްޙީ ވުޒާރާއިން ބުންޏެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ޙޫޘީން ވަނީ އެ ކަމުގެ ރައްދުގައި ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައެވެ. ޖަނަވަރީ 19ވަނަ ދުވަހު ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލުމާ އެކު ޙޫޘީންގެ ޙަމަލާތައް މެދުކަނޑައިލާފައިވީ ނަމަވެސް، ޣައްޒާގެ ނިކަމެތީންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީއަށް ޔަހޫދީން ހުރަސް އަޅަން ފެށުމާ އެކު ޙޫޘީން ވަނީ އަނެއްކާ ވެސް ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ހިންގަމުން ދަނީ ރަތް ކަނޑުގެ ސަރަޙައްދުގައެވެ. އެ ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙޫޘީން ދަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.
ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކުގެ ހިމާޔަތުގައި ކަމަށް ބުނެ، އެމެރިކާއިން ޙޫޡީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަން ފެށީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެމެރިކާއިން ދެމުންދާ ވައިގެ ޙަމަލާތަކުގައި މިހާތަނަށް 31 މީހުން ވަނީ ޝަހީދުވެފައެވެ.
އަދި ރަތް ކަނޑުގައި ހޫޡީން ދޭ ކޮންމެ ޙަމަލާއަކަށް، އެ ޖަމާޢާތަށް ވާގިވެރިވާ އީރާނު ޒިންމާކުރުވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފައެވެ.
އެމެރިކާގެ ޙަމަލާތަކުގެ ތެރެއިން ވެސް ޙޫޡީން ދަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދެމުންނެވެ.
މިގޮތުން، ރޭގެ ވަގުތެއްގައި ޔަހޫދީންގެ ވެރިރަށް ތެލްއަވީވް ކައިރީގައި އޮންނަ ވައިގެ ބަނދަރަކަށް ޙޫޡީން އަމާޒުކުރި ބެލިސްޓިކް މިސައިލެއް ދިފާޢުކޮށްފައިވާ ކަމަށް އިސްރާއީލުން ބުންޏެވެ.
އެ ވައިގެ ޙަމަލާ ދިފާޢުކުރުމުގެ ތެރެއިން މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ޔަހޫދީން ބުންޏެވެ.
އިސްރާއީލުގެ ސަރަޙައްދުތަކަށް ޙޫޡީން އަނެއްކާވެސް ޙަމަލާތައް ދޭން ފަށާފައިމިވަނީ، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ޣައްޒާއަށް އަލުން ޙަމަލާދޭން ފަށައި، 430 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
އެމެރިކާއިން ދޭ ޙަމަލާތަކުގެ ސަބަބުން ފަހަތަށް ނުޖެހި، ޣައްޒާގެ ހައްޤުގައި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޙަމަލާ ދޭނެ ކަމަށް ހޫޡީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.