ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ސީޒަން 6 ގައި ބައިވެރިވުމަށް ހުޅުވާލައިފި


  • ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ބައިވެރިވެވޭނެ

  • 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި ފުރުޞަތު ވަނީ ހުޅުވާލާފައި

  • ބައިވެރިވުމުގެ ސުންގަޑިއަކީ 5 އޭޕްރީލް 2025

ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ސިލްސިލާ މުބާރާތް "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ ސީޒަން 6 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިފަހަރުގެ މުބާރާތަށްވެސް ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.

"ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން" އަކީ ރޭޑިއޯ ޕްރެޒެންޓިންގގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.

ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގައިވެސް ބައިވެރިވުމުގެ ފުރުޞަތު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ވަނީ ހުޅުވާލާފައެވެ. ނަމަވެސް ރޭޑިޔޯ ޗެނަލްތަކާއި ޓީވީ ޗެނަލްތަކުގައި މިވަގުތު ޕްރެޒެންޓަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރީލްމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން މުބާރާތާއެކު ކުރިއަށް ދިއުމުގެ ފުރުޞަތު ލިބޭ ބައިވެރިން ހޮވާނީ އޮޑިޝަނަކުންނެވެ. މި އޮޑިޝަން އަންނަމަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޮޑިޝަން އަދި މުބާރާތް ކުރިއަށް ދާނީ މާލޭގައެވެ.

ޕްރެޒެންޓް ކުރުމުގެ ދާއިރާގެ ތަފާތު މަސައްކަތްތައް ބައިވެރިން ކުރަންޖެހޭގޮތަށް ކުރިއަށް ގެންދާ މި ރިއަލިޓީ ޝޯވގައި ކޮންމެ ހަފްތާއަކުވެސް ދެ އެޕިސޯޑް ގެނެސްދެވޭނެއެވެ. އެއީ މަސައްކަތް ހުށަހަޅައިދޭ އެޕިސޯޑާއި އެލިމިނޭޝަން ޝޯވއެވެ. ކޮންމެ އެލިމިނޭޝަން ޝޯވއަކުންވެސް ކަނޑައެޅޭ ވަކި އަދަދެއްގެ ބައިވެރިން މުބާރާތާ ވަކިވަމުން ދާނެއެވެ. 7 ރައުންޑަކަށްފަހު ފައިނަލަށް ހޮވޭނީ 5 ބައިވެރިންނެވެ.

"ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ 6 ވަނަ ސީޒަނަށްވެސް އަގުހުރި އިނާމްތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މުބާރާތުގެ ޓައިޓްލް ކާމިޔާބުކުރާ ފަރާތަކަށް މުބާރާތުގެ ޓައިޓްލް އެވޯޑާއި 25،000 ލިބޭނެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މުބާރާތުގެ 2 ވަނަ އަށް 20،000 އަދި 3 ވަނަ އަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.