ބަރަކާތްތެރި ރަމަޟާން މަހަކީ އެ މަހެއްގައި މުސްލިމުންގެ ދީލަތިކަން އިތުރުކޮށް ޞަދަގާތް ކުރުން އިތުރު ކުރާ މަހެކެވެ. ކޮންމެ ޢަމަލެއް ވެސް ބިނާވަނީ ނިޔަތުގެ މައްޗަށް ކަމަށްވާއިރު ސަވާބާއި ދަރުމަ އިތުރު ކުރުމުގެ މަޤްސަދުގައި އިނގިރޭސިވިލާތުގެ ދުވުންތެރިންތަކެއް ވަނީ އެ މީހުން ކޮންމެ ދުވަހަކު ކުރާ ކަސްރަތު މާތް މަޤްސަދަކަށް ޚާއްސަ ކޮށްފައެވެ. އެއީ ފަޤީޜުންނަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދިނުމަށް ލާރި އެއްކޮށްދިނުމެވެ.
ޗިލްޓާން ޗެމްޕިއަންސްގެ ނަން ދީފައިވާ މި ދުވުންތެރިންގެ ގުރޫޕުން ވަނީ 2022ވަނަ އަހަރު އެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ފަޤީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ލާރި އެއްކުރުމަށް ބޭއްވި ދުވުމެއްގައި ބައިވެރިވެ 3،605 ޕައުންޑް އެއްކޮށްދީފައެވެ. އެ ތަޖުރިބާއަށް ބަލާފައި ޗިލްޓާން ޗެމްޕިއަންސުން ނިންމީ މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ފަޤީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އަމިއްލަ ޙަރަކާތެއް ހިންގާށެވެ. އެ ގޮތުން މި ޙަރަކާތް ހިންުގުމަށް ޗިލްޓާން ޗެމްޕިއަންސުން ގުޅުނީ ބަކިންހަމްޝަޔަރގައި ހުންނަ ޗެޝަމް މިސްކިތާއެވެ. ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި މިސްކިތުގެ ފަރާތުން ޙަރަކާތްތެރި ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ދަރުމަވެރިންނެވެ.
ޗިލްޓާން ޗެމްޕިއަންސްގެ ފަރާތުން ޖަވާދު މާލިކު ބުނީ އެ ގުރޫޕަކީ ރަމަޟާން މަހުގައި ވެސް ކޮންމެ ދުވަހަކު ދުވެލަން ނިކުންނަ ބައެއް ކަމަށެވެ. އެއީ ސިކުނޑި ތާޒާ ކޮށްލައި ހަށިގަނޑަށް ކަސްރަތު ދިނުމުގެ ގޮތުންނެވެ. ރަމަޟާން މަހު ހަށިގަނޑަށް ބެލުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމާ ދެބަޔަށް ސަމާލުކަން ދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް ދެ ކަމަށްެ ވެސް މުހިންމުކަން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޖާވިދު ބުނެއެވެ.
ޗިލްޓާން ޗެމްޕިއަންސްގެ 15 މެންބަރަކުން ފަޤީޜުންނަށް ކާބޯތަކެތި ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހަކު 5 ކިލޯމީޓަރަށް ދުވެއެވެ.ދުވުން ނިންމާލަނީ އިރުއޮއްސި ރޯދަ ވިއްލާ ގަޑި ޖެހެން ގާތްގަނޑަކަށް ބައިގަޑިއިރަށް ވެފައި ހުންނަ ވަރަށެވެ. އެ ގޮތަށް ދުވުން ރާވާލަނީ މާ ގިނަ އިރުތަކެއް ނުވެ ކަރުހިއްކުން ފިލުވާލައި ހަށިގަނޑުން ގެއްލުނު ފެން އަލުން އިޢާދަ ކުރެވޭނެތީވެއެވެ. މި ރަމަޟާން މަހުގެ ފުރަތަމަ ދުވުމުގައި ވެސް 100 މީހުންނަށް ކެއުމެއް ދެވޭވަރަށް ޗިލްޓާން ޗެމްޕިއަންސުން ލާރި އެއްކޮށްފައިވެއެވެ.
ޖާވިދު ބުނީ އެހާ ދިގު ރާސްތާއެއް ރޯދައަށް ހުރެ ދުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ދުވުންތެރިއެއްގެ ގޮތުގައި އަށަގަންނަންޖެހޭ ސިފަތަކާއި ގެންގުޅެންޖެހޭ އަޚްލާޤު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ޗިލްޓާން ޗެމްޕިއަންސްގެ ދުވުންތެރިން ވަރަށް ގަޔާވެގެން ކުރާ ކަމެއް ކަމަށް އޭނާ ބުނެއެވެ.