އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މައި، ހީތުރޯ ވައިގެ ބަނދަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން ދިޔަ ސަބްސްޓޭޝަނުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ވައިގެ ބަނދަރު ބަންދުކޮށް، ވައިގެ އުދުހުންތަކާއި ޚިދުމަތްތަށް ހުރަސް އެޅިއްޖެއެވެ. ސަބްސްޓޭޝަނުގައި ހިނގި އަލިފާނުގެ ހާދިސާއާ އެކު ހީތުރޯއިން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. މި ހާދިސާއާ ގުޅިގެން 100ށްވުރެ ގިނަ މަތިންދާބޯޓު ޑައިވަރޓު ކުރަން މަޖުބޫރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިގެ އުދުހުންތަކުގެ ޝެޑިއުލަށް ވަނީ އަސަރު ކޮށްފައެވެ.
ހީތުރޯއަކީ ވިލާތުގެ އެންމެ ކަރޫބާރު ބޮޑު، އަދި ދުނިޔޭގެ ފަސްވަނައަށް އެންމެ ކާރޫބާރޫ ބޮޑު ވައިގެ ބަނދަރެވެ. ހީތުރޯއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ސަބްސްޓޭޝަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ވައިގެ ބަނދަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ބެކަޕް ޖަނަރޭޓަރުތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އަލިފާންގަނޑު ނިއްވައިލުމަށް 70އެއްހާ މީހުންގެ ޓީމަކުން ހަރަކާތްތެރިވަމުންދާ ކަމުގައި ރިޕޯޓުތައް ބުންޏެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ލަންޑަނުގެ ހުޅަނގުގައި ސަބްސްޓޭޝަން ހުރި ސަރަޙައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އެ ސަރަޙައްދުގައި ހުރި އިމާރާތްތަކުގައި ދިރިއުޅޭ 150އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު، ސަބްސްޓޭޝަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. ހީތުރޯގެ އިތުރުން، ސަބްސްޓޭޝަން މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަ ގޭބީސީތަކާއި ވިޔަފާރިތަކުން ވެސް ވަނީ އެ ޚިދުމަތް މެދުކެނޑިފައެވެ.
ހީތުރޯއަކީ ދުވާލެއްގެ މައްޗަށް 1,351 މަތިންދާބޯޓަށް ޚިދުމަތްދޭ ބިޔަ ވައިގެ ބަނދަރެކެވެ. ދުވާލެއްގެ މައްޗަށް އެވުރެޖުކޮށް 291,000 ފަސިންޖަރުން އެ ވައިގެ ބަނދަރު ބޭނުން ކުރެއެވެ. ނަމަވެސް، އަލިފާނުގެ ހާދިސާއާ ގުޅިގެން ވައިގެ ބަނދަރުގެ ގިނަ ޚިދުމަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. ހީތުރޯއިން ބުނީ ލަންޑަން ގަޑިން މެންދަމު 12 ޖެހުމާ ހަމައަށް ވައިގެ ބަނދަރު ބަންދުކޮށް، ޚިދުމަތްތައް މެދުކަނޑައިލަން ޖެހިފައިވާ ކަމުގައެވެ. އެ ތަނަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ވަގުތެއް ވެސް ސާފެއް ނޫނެވެ.
ހީތުރޯއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ސަބްސްޓޭޝަންގައި އަލިފާން ރޯވެފައިވާ ކަން ރިޕޯޓު ކޮށްފައި ވަނީ މާރިޗު 20ވަނަ ދުވަހު ލަންޑަން ގަޑިން ހެނދުނު 11 ޖެހިއިރެވެ. އަދި، ހީތުރޯއިން ކަރަންޓުގެ ޚިދުމަތް ކެނޑުމާ އެކު، އެ ވައިގެ ބަނދަރަށް ދަތުރު ކުރަމުން ދިޔަ ގިނަ އަދަދެއްގެ މަތިންދާބޯޓު އިނގިރޭސިވިލާތުގެ އެހެން ވައިގެ ބަނދަރުތަކުގެ އިތުރުން ވިލާތުގެ އެހެން ޤައުމުތަކަށް ޑައިވަރޓު ކުރަން ޖެހުނެވެ.
އިނގިރޭސިވިލާތުގެ ހަކަތައާ ބެހޭ ވަޒީރު އެޑް މިލިބަންޑް ވިދާޅުވީ، ހީތުރޯއަށް ކަރަންޓުގެ ޚިދުމަތް އަލުން ގުޅައިދިނުމަށް ކަމާ ގުޅޭ އިދާރާތަކުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ގިނަ އިރުތަކެއް ނުވެ، ތިންވަނަ ބެކަޕް ޖަނަރޭޓަރެއް ބޭނުންކޮށް، އެ ތަނަށް ޚިދުމަތް ގުޅައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. އެ ތަނަށް ކަަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން ދިޔަ ސަބްސްޓޭޝަންގައި ރޯވެ، ބެކަޕް ޖެނެރޭޓަރުތައް ފޭލުވި ސަބަބު ސާފުކޮށް ދިނުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ހީތުރޯއިން ވިލާތުގެ އެހެން ޤައުމުތަކަށް ޑައިވަރޓު ކޮށްފައިވާ ފްލައިޓްތަކުގައި ދަތުރު ކުރި ގިނަ އަދަދެއްގެ ފަސިންޖަރުން އެ ޤައުމުތަކުގެ ވައިގެ ބަނދަރުތަކުގައި ތާށިވެފައިވާ ކަމުގައެވެ. މި ގޮތުން، އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ވިލާތުގެ ޤައުމުތަކަށް އެތެރެވުމުގެ ވިސާ ނެތި ދަތުރު ކޮށްފައިވާ ފަސިންޖަރުންނަށެވެ. ވިލާތުގެ ޤައުމުތަކުގެ ވައިގެ ބަނދަރުތަކުގެ ލައުންޖުތަކުގައި އެ މީހުން ތާށިވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ހީތުރޯ ބަންދު ކުރުމާ ގުޅިގެން 120އަށްވުރެ ގިނަ މަތިންދާބޯޓެއް ޑައިވަރޓު ކޮށްފައިވާ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ވައިގެ އުދުހުންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވޭ ހީތުރޯއިން ކަރަންޓުގެ ޚިދުމަތް ކެނޑި، ޚިދުމަތްތައް މެދުކަނޑައިލުމުގެ ސަބަބުން ދުނިޔޭގެ ވައިގެ އުދުހުންތަކަށް ވަނީ އެ ކަމުގެ ނޭދެވޭ އަސަރު ކޮށްފައެވެ. އިނގިރޭސިވިލާތުގެ އެއަރލައިން، ބްރިޓިޝް އެއަރވޭޒުން ބުނީ، ހީތުރޯ ބަންދު ކޮށްފައިވާ ކަން އިޢުލާނު ކޮށްފައިވާ ވަގުތަކީ އެ އެއަރލައިންގެ 341 މަތިންދާބޯޓު އެ މަންޒިލަށް ދަތުރު ކުރުމަށް ޝެޑިޔުލް ކޮށްފައިވާ ވަގުތެއް ކަމުގައެވެ. މީގެ އިތުރުން، 77 އެހެން އެއަރލައިނެއްގެ 699 މަތިންދާބޯޓެއް މިއަދު ހޯތުރޯއަށް ދަތުރު ކުރުމަށް އޮތީ ޝެޑިޔުލް ކޮށްފައެވެ.