ކުޅިވަރު

މިއީ މިހާތަނަށް ޓީމުން ދެއްކި އެންމެ ދަށް ކުޅުން: ދެކުނު ކޮރެއާގެ ކޯޗު


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހު އޮމާންއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި ފެނުނީ ދެކުނު ކޮރެއާ ޓީމުން މިހާތަނަށް ދެއްކި އެންމެ ދަށް ކުޅުން ކަމަށް އެ ޓީމުގެ ކޯޗު ހޮންގް މިޔުންގް-ބޯ ބުނެފިއެވެ.

ދެކުނު ކޮރެއާގެ ގޯޔަންގުގައި މިމެޗު ކުޅެފައިވާއިރު، ނޮވެމްބަރު މަހު ފަލަސްތީނާއި ދެކޮޅަށް އައްމާނުގައި ކުޅުނު މެޗުގައިވެސް ދެކުނު ކޮރެއާވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މިމެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 41 ވަނަ މިނިޓުގައި ޖަހާދީ ދެކުނު ކޮރެއާއަށް ލީޑު ނަގައިދިނީ ހުވާންގް ހީ-ޗާން އެވެ. އެހެން ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި އޮމާންގެ އަލީ އަލް ބުސައިދީ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ އޮމާނުން އެއްވަރުކުރިއެވެ. މެޗުގެ ތެރެއިން ދެކުނު ކޮރެއާއަށް އިތުރު ޕްރެޝަރާ ކުރިމަތިވީ ކުޅުމުގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕީއެސްޖީއަށް ކުޅޭ ދެކުނުކޮރެއާގެ ލީ ކަންގް-އިން ދަނޑުން ބާލަން ޖެހުމުންނެވެ.

" ކޮލިފިކޭޝަން ރައުންޑުގަ މިހާ ދަށް ކުޅުމެއް ޓީމުން އަދި މިވީހާތަނަށް ދައްކާފައެއް ނުވޭ" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ދެކުނު ކޮރެއާގެ ކޯޗު ހޮންގު ބުންޏެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ބުނީ ކުޅުމުގެ ތެރެއިން ވަރަށް ގިނަ އުނދަގޫތައް ދިމާވިކަމަށެވެ. މިގޮތުން ކުޅުމުގެ ކުރީކޮޅު ޓީމެއްގެ ގޮތުގައި އެކަތިގަނޑެއްހެން ޓީމު ފެނިފައިނުވާކަމަށެވެ. ދެކުނު ކޮރެއާއިން މެޗުގެ ލީޑު ނެގި ނަމަވެސް މެޗުގެ ކޮންޓްރޯލް އެއްވެސް ވަރަކަށް ޓީމަށް ހިފެހެއްޓިފައިނުވާކަމަށް ހޮންގު ބުންޏެވެ.

މެޗުގެ ތެރެއިން ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލަމުން ކޯޗު ބުނީ މެޗުގެ 38 ވަނަ މިނިޓުގައި ޕައިކް ސެއުންގް-ހޯއަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމުގެ ސަބަބުން މިޑްފީލްޑަރ ލީ އަރުވަން ޖެހުމަކީވެސް ދިމާވި ދައްޗެއްކަމަށެވެ. މިމެޗަށް ލީއަށް ޕްރެކްޓިސް ކުރެވިފައިވަނީ ހަމަ އެންމެ ދުވަހަކުކަން ފާހަގަކުރަމުން ކޯޗުބުނީ ލީ މެޗަށް އެރުވުމަކީ އޭނާ އެއްވެސް ވަރަކަށް ވިސްނާފައި އޮތްކަމެއް ނޫންކަމަށެވެ.

ވޯލްޑް ކަޕްގެ ކޮލިފައިންގެ މެޗުތަކާއި ދެކުނު ކޮރެއާއިން ކުރިމަތިލާފާއިރު، ޓީމުގެ ގިނަ ކުޅުންތެރިތަކަކަށްވަނީ އަނިޔާގެ މައްސަލަތަކާއި ކުރިމަތިވެފައެވެ. މިގޮތުން ބަޔާން މިއުނިކްގެ ޑިފެންޑަރު ކިމް މިން-ޖޭގެ ކުޑަކަޅުވާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ދެކުނު ކޮރެއާގެ ސްކޮޑުން ވަކިވެފައިވާއިރު، ފެޔެނޫޑްގެ މިޑްފީލްޑަރު ހުވާންގް އިން-ބިއުމްއަށް ވެސްވަނީ އަނިޔާވެ، މަހެއްހާ ދުވަހު ކުޅުމާ ދުރުގަ ހުރުމަށް ޑޮކްޓަރު ލަފާދީފައެވެ.

މެޗާއި ގުޅިގެން ދެކުނު ކޮރެއާ ޓީމުގެ ކެޕްޓަން ސޮން ހެއުން މިން ބުނެފަވަނީ ނަތީޖާއާ މެދު އިތުރަށް ވިސްނަން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް މެޗުގެ ނަތީޖާ ނިކުތްގޮތުން މާޔޫސްވެއްޖެކަމަށާއި، ޓީމުގެ އެހެން ކުޅުންތެރިން ފެއިލްކޮށްލެވުނު އިހުސާސް އޭނާއަށް ކުރެވޭކަމަށް ސޮން ބުންޏެވެ. މިމެޗު މިހެން ދިޔަ ކަމަށްވިޔަސް ކުރިއަށް ހުރި މެޗުތަކަށް އަދިވެސް ފޮނި އުންމީދެއް ކުރާކަމަށް ސޮން ބުންޏެވެ.

"އަހަރުމެން މިހާ ހިސާބަށް މިއައީ އެކި ހާލަތްތަކުން އަރައިގަނެގެން. މިއަދުގެ މެޗަކީވެސް ފިލާވަޅެއް. މިމެޗުން ދަސްވި ފިލާވަޅުތަކުން ކުރިއަށްހުރި މެޗުތައް ރަނގަޅުކުރާނަން" ނޫސްވެރިންނާ ވާހަކަދައްކަމުން ޓީމުގެ ކެޕްޓަން ސޮން ބުންޏެވެ.

މިނަތީޖާއާ އެކުވެސް ދެކުނު ކޮރެއާއިން ވަނީ ގްރޫޕް ބީގެ 1 ވަނަ މަގާމު 15 ޕޮއިންޓާއެކު ހޯދާފައެވެ. އަދި މި ގްރޫޕުގެ ދެވަނައިގައި އުރުދުން އޮތީ 12 ޕޮއިންޓު ހޯދައިގެންނެވެ. ވޯލްޑްކަޕް ކޮލިފައިންގައި ދެކުނު ކޮރެއާއިން ދެން އެންމެ އަވަހަށް ނިކުންނާނީ އުރުދުންއާ ދެކޮށެވެ. އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާ މި މެޗު ކުޅޭނީ ދެކުނުކޮރެއާގެ ތާރީޚީ ސިޓީއެއްކަމަށްވާ ސުވޮންގައެވެ.