ޢުމްރާގެ މި ދަތުރުގައި ފަހު 15އަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދަތުރުކުރަން ނިންމާފައި އޮތީ 357 މީހުން ނަމަވެސް، ދެ މީހަކު ބަލިވެގެން ދަތުރުގައި ބައިވެރި ނުވެވޭކަމުގެ ބައެއް ވާހަކަ ކުރިންވެސް އޮތީ އެނގިފައެވެ. އެދުވަހުވެސް ހިތަށް އެރީ، ފައިސާ ދައްކާ ހުރިހާ ކަމެއް ހަމަޖެހޭ ފަހުން، ނުދެވޭކަން އެނގުނީމަ ހާދަ ދެރަވާނެޔޭ!
މިދަތުރުގެ ތެރެއިން ހާޖީއަކު އަޅުގަނޑާ ވާހަކަދައްކާލިއިރު އެނގުނީ، ބަލިވެގެން ދަތުރުގައި ބައިވެރި ނުވެވޭކަމަށް ބުނި އެކަކަށް ދަތުރުގައި ބައިވެރި ނުވެވުނީ އޭނާ މިދުނިޔެއާ އަބަދަށް ވަކިވުންކަމެވެ.
މިއީ ނިޔާވި ފިރިހެން މީހާގެ އަނބިމީހާ ލ.ދަނބިދޫ، ޢުއްމުލްގުރާ، މަރިޔަމް ރަޝީދާ (މަރިޔަންދައްތަ)ގެ ވާހަކައެވެ. ޢުމްރާގެ މިދަތުރުގައި ތަފާތު ގިނަ މީހުންނާ ބައްދަލުވެ ވާހަކަދެކެވެއެވެ. ނަމަވެސް މަރިޔަންދައްތައަކީ ވަރަށް ހިތްވަރު ގަދަ، އުޅުމުގައި އުފާވެރި މީހެކެވެ.
މަރިޔަންދައްތައަށް މިހާރު އުމުރުން 63 އަހަރެވެ. އެކަމަކު ފުރަތަމަ ބައްދަލުވިއިރު އަޅުގަނޑަށްވެސް ހީކުރެވުނީ، މަރިޔަންދައްތަގެ އުމުރުން ވާނީ ފަންސާހަކަށް އަހަރުކަމަށެވެ. އުމުރުން ދޮށި ނަމަވެސް، ފެންނަ ފެނުމާ އުޅުމުން އެކަމެއް ނޭނގެއެވެ.
މަރިޔަންދައްތަ ޢުމްރާއަކަށް އަންނަ ހިތުއެޅީ މީގެ ދެ އަހަރެއް ކުރިންނެވެ. އަމިއްލައަށް ފައިސާ އެއްކުރީ، ޤުރުއާން ކިޔަވައިދީގެންނާއި، ފެހުމާއި، ކުނިކެހުމާއި ދަނޑުހެއްދުންފަދަ މަސައްކަތުންނެވެ. ނަމަވެސް އޮތް ދެރައަކީ، އެކުގައި ދާނެ ފިރިއަކު ނެތުންކަމަށް ބުންޏެވެ. އަބަދުވެސް ހިތުގައި އޮތީ، ޢުމްރާއަކަށް ދާނީ ފިރިމީހާއާއެކުގަކަމަށެވެ.
"ލާރި އެއްކުރަން ފެށިއިރު ހިތަށް އެރި، އެހާތަނަށް ފިރިއަކު ލިބިދާނެއޭ." މަރިޔަންދައްތަ ކިޔައިދިނެވެ.
މިދިޔަ ޙައްޖު މޫސުމުގައި މަރިޔަންދައްތައަށް ޙައްޖުވާން ފުރުޞަތު ލިބުނެވެ. މަރިޔަންދައްތައާއި ފިރިމީހާ (އިބްރާޙިމް ޝަރީފް)އާއި ކައިވެނިކުރީ އެދަތުރަށްފަހު މަހެއްހާ ދުވަސް ތެރޭގައެވެ. ކައިވެނިކުރީ ބައްދަލުވިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައެވެ.
ވާހަކަ ކިޔައިދިންއިރު ހީކުރެވުނީ ވަރަށް ދިގު މާޒީއެއް އޮތް ލޯބީގެ ވާހަކައެއްކަމަށެވެ. މަރިޔަންދައްތައާއި ފިރިމީހާ އިބްރާޙިމް ޝަރީފްގެ ލޯތްބާއި އޯގާތެރިކަމުގެ ވާހަކަ އަޑުއަހާލި ކޮންމެ މީހަކަމަށްވެސް މިހެން ހީވާނެކަން ޔަގީނެވެ.
ނަމަވެސް ކައިވެންޏަށްވީ އެންމެ 6 މަހާ 9 ދުވަހެވެ. ފިރިމީހާ ނިޔާވީ މެޔަށް ތަދެއް އަރައިގެންނެވެ.
"އޭރު އޮތީ ޢުމްރާއަށް އަންނަން ލާރި ދައްކާ، ޕާސްޕޯޓް ހަދާ ހުރިހާ ކަމެއް ނިމިފައި. ދައްތަ ލާރިވެސް ދެއްކީ. ކައިވެންޏަށް 6 މަހާ 9 ވަނަ ދުވަހު ނިޔާވީ. ވަރަށް އަސަރުކުރި. އެކަމަކު ދައްތަ ބޭނުންވީ ހަމަ ހިތްވަރުލާފަ މި ޢުމްރާއަށް އަންނަން." މަރިޔަންދައްތަ ކިޔައިދިނެވެ.
ކައިވެންޏަށް ކިތަންމެ ކުރު މުއްދަތެއް ވިއަސް މިއީ ހަމަ ނަމޫނާ ދިރިއުޅުމެކެވެ. އިބްރާޙިމް ޝަރީފް، ކޫއްޑޫގައި ވަޒީފާ އަދާކުރުމަށްފަހު ވަޒީފާއިން ރިޓަޔަރވީ ކައިވެންޏަށް ފަހުއެވެ. ދެން ދިރިއުޅެން ބޭނުންވީ ދެ މީހުން އެކުގައި، ރަށުގައި، އަމިއްލައަށް އާމްދަނީ ލިބޭނެ މަސައްކަތެއް ކޮށްގެންނެވެ.
"މަންމަގެ އޮތް ބިންކޮޅަކާ، ދެން ރަށުން ފަޅު ގޯއްޗެއް ހޯދައިގެން ރަށުގެ ދެ ދިމާލެއްގައި ކެޔޮ ދަނޑު ހައްދަން ފެށީ ދެމީހުން. އެހާ ރީތި ނިރު ދަނޑެއް އެއީ. މީހުން މަޖާ ޖޯކުވެސް ޖަހާނެ އަހަރަމެން މާ ލޯބިން އުޅޭތީ. ދިމާވެސް ކުރާނެ އާއިލާ ކުދިންވެސް ރައްޓެހިންވެސް." މަރިޔަންދައްތަ ކިޔައިދިނެވެ.
ނަމަވެސް ފިރިމީހާގެ ކުއްލި މަރާއެކު، ލިބުނު ހިތްދަތިކަމާ އެކަނިވެރިކަމާއެކުވެސް، މަރިޔަންދައްތަ ބޭނުންވީ އެ ހަނދާންތަކާއެކު ހިތްވަރާއެކު ކުރިއަށްދާށެވެ.
"އެއީ ހާދަ ހެޔޮ މީހެކޭ. ދައްތަ ދެކެ ހާދަ ލޯތްބެކޭ ވަނީ." މަރިޔަންދައްތަ ކިޔައިދިނެވެ.
ޢުމްރާގެ މިދަތުރު ނިންމާ ދާއިރު މަރިޔަންދައްތަގެ އެންމެ ބޮޑު އުއްމީދަކީ ފިރިމީހާ އިބްރާޙިމް ޝަރީފަށް ޢުމްރާއެއް ކޮށްދިނުމެވެ. އަދި ކުރިން ފިރިމީހާ ޢުމްރާއަށް ދާން ދެއްކި ފައިސާގައި، އެމީހާގެ ދަރިއަކަށް އުމުރާއަށް ދިއުމުގެ ފުރުޞަތު ދިނުމެވެ.
މި ދެމަފިރިންގެ، ދެ ބަނޑުގެ ކުދިންނާވެސް އޮތީ އެހާ ގާތް، އޯގާތެރި ގުޅުމެކެވެ. ބައްޕަ ދުނިޔޭގައި ނެތް ނަމަވެސް މަރިޔަންދައްތަ ޢުމްރާއަށް މިކުރާ ދަތުރުގައި، ފިރިމީހާގެ ކުދިންވެސް ފުރުވަން އެއަރޕޯޓަށްވެސް އައެވެ.
"މިދަތުރުގައި އޭނާއަށް ޢުމްރާއެއް ނުކޮށް ދޫކޮށް ނުލެވޭނެ. އެއަށްވުރެ މާ އޯގާތެރި ފިރިއެއް އެއީ. ދައްތަ ޢުމްރާއެއް ކުރާނަން. ދެއްކި ލާރިން ހޯދި ޖާގައިން ބޭބެގެ ކުދިންނަށްވެސް އޮންނާނީ އެ ފުރުޞަތު ދީފަ، ބައްޕައަށް ޢުމްރާއެއް ކޮށްދިނުމަށް." މަރިޔަންދައްތަ ކިޔައިދިނެވެ.
މި ވާހަކަ މަރިޔަންދައްތަ ކިޔައިދިނީ ހެވިފައި އިނދެއެވެ. ނަމަވެސް އެއިން ކޮންމެ ވާހަކައެއްގައި އޮތީ ދެމީހުންގެ މެދުގައި އެކަކު އަނެކަކަށް އޮތް ލޯތްބާއި އިހްތިރާމެވެ. ކުރު ނަމަވެސް، އަލަތު ލޯތްބެއްފަދަ ލޯތްބެކެވެ.