ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުސަތުތަކެއް ބީސީސީން ހަމަޖައްސައިފިއެވެ. މި މައުރަޒު އޮންނާނީ މެއި މަހުގެ 23 ން 30 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވީ، ކުރިން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 15 ބާވަތެއްގެ އުފެއްދުން ބައިވެރި ކުރެވޭ ގޮތަށް އޮތްނަމަވެސް މިހާރު މި އުސޫލު ބަދަލުކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެކަމަށެވެ.
މަޢުރަޒުގައި ބައިވެރިވުމަށް އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމުގެ އިތުރުން، މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައިގެންވެސް ހުށަހެޅޭނެކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ. މިފޯމް ބީސީސީގެ ހެޑް އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމް ކޮށްފައިވާ ބީސީސީގެ އޮފީސްތަކުގެ އިތުރުން ބީސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. އަދި ފޯމް ފުރުއްވުމަށްފަހު އީމެއިލްގެ ޒަރީޢާއިން ނުވަތަ ބީސީސީގެ ހެޑް އޮފީހަށް ނުވަތަ އަތޮޅުތެރޭގެ ކޮންމެ ބިޒްނަސް ސެންޓަރަކަށް ފޯމު ހުށަހެޅުއްވުމުންވެސް ފޯމް ބަލައިގަންނާނެކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހު އާދަމް ވިދާޅުވީ، މިއީ ދިވެހި އުފެއްދުންތެރިކަމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މައުރަޒެއްކަމަށެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މައުރަޒު ބާއްވަނީ ވަރަށް ފުޅާކޮށްކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަހަރު ވާދަކުރުމުގެ ބައިގެ އިތުރުން ކެބިނެޓުން ނިންމަވާފައި މިވަނީ އިތުރު 4 ޑިސްޓްރިކްޓެއް މީގައި ހިމެނުއްވުމަށް. އޭގެތެރޭގައި އެބަ ހިމެނޭ ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް އިނޮވޭޝަން ޑިސްޓްރިކްޓަކާއި، އެންޓަޓެއިންމަންޓް ޑިސްޓްރިކްޓެއްގެ އިތުރުން މާކެޓް ޕްލޭސް ނުވަތަ ވިޔަފާރިކުރުމަށް ޚާއްސަ އޭރިއާއެއް ހިމެނޭ". ސާމިހް ވިދާޅުވިއެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. އެކްސްޕޯގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރޗް 2025 އެވެ.