ކުޅިވަރު

ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕުގައި ސާއިދަށް ހަވަނަ


ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އޭނާ ވާދަކުރި ހީޓުގެ ހަވަނަ ހޯދައިފިއެވެ.

ޗައިނާގެ ނަންޖިންގައި ކުރިއަށްދާ މި މުބާރާތުން ސާއިދު ހަވަނަ ހޯދާފައިވަނީ ފިރިހެނުންގެ 60 މީޓަރު ދުވުމުގެ ހީޓު ތިނެއްގައި ވާދަކޮށްގެންނެވެ. އޭނާ ރޭސް ފުރިހަމަކޮށްފައިވަނީ 7.05 ސިކުންތުންނެވެ.

ސާއިދުއަށް މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިފައިވަނީ މި މުބާރާތަށްދާނެ އެތުލީޓަކު ހޮވުމަށް ހެދި ޓައިމް ޓްރަޔަލްއިން ގައުމީ ޓީމުގެ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމްއާ ވާދަކޮށް ކުރި ހޯދާފައިވާތީއެވެ.

މިއީ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ސާއިދު ވާދަކުރި ތިންވަނަ އަހަރެވެ. މިގޮތުން ފާއިތުވެ ދިޔަ އަހަރު ސްކޮޓްލަންޑުގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތާއި، 2022 ވަނަ އަހަރު ސާބިއާގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތުގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވަނީ ސާއިދުއެވެ. އޭގެ އިތުރުން ސާއިދުވަނީ ފާއިތުވެދިޔަ 2024 ވަނަ އަހަރު އިރާނުގައި ކުރިއަށްދިޔަ އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށްފައެވެ.

މިއަހަރުގެ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕް ޗައިނާގައި ކުރިއަށްދާއިރު 120 ގައުމަކުން 500 އެތުލީޓުން މި މުބާރާތުގައި ވާދަކުރެއެވެ. ތިން ދުވަހަށް ކުރިއަށްދާ މި މުބާރާތް އޮންނާނީ މިމަހުގެ 21 އިން 23 އަށެވެ.