ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގުހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ވިދާޅުވީ މިއަދުން ފެށިގެން ފިޔުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން ޕެޓްރޯލް ލިބެން ހުންނާނީ 13.50 ރުފިޔާއަށް ކަމަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ލިބެން ހުރީ 13.98 ރުފިޔާއަށެވެ.
ޕެޓްރޯލުގެ އަގަށް ގެނައި ބަދަލާއެކު ލީޓަރަކުން މިހާރު ވަނީ 48 ލާރި ހެޔޮވެފައެވެ. މިއީ މިއަހަރު އެ ކުންފުނިން ޕެޓްރޯލުގެ އަގު ހެޔޮ ކުރި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ޕެޓްރޯލާއި ޑީސަލުގެ އަގަށް ބަދަލުތައް ގެންނަނީ ދުނިޔޭގެ ބާޒާރުގައި އެތަކެތި ލިބެން ހުންނަ އަގުތަކަށް އަންނަ ބަދަލުތަކާއެކުއެވެ. އެންމެ ފަހުން އެސްޓީއޯއިން އެ ކުންފުނިން ވިއްކާ ޕެޓްރޯލް އަގަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މެއި މަހުގައެވެ.
އެސްޓީއޯއިން ޕެޓްރޯލް ހަގުހެޔޮ ކުރި ނަމަވެސް ޑީސަލްގެ އަގަށް ބަދަލެއް ނުގެނެއެވެ.