ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި މިރޭ ޑޭންމާކާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗެއް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި މި ދެ ޓީމު ޑެންމާކުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑެންމާކްއެވެ. އެހެންކަމުން މިރޭ ޕޯޗުގަލްގައި ކުޅޭ މެޗުން މޮޅުވެގެން ނޫން ގޮތަކަށް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޕޯޗުގަލް އަށް ނުލިބޭނެ އެވެ.
"ފުރަތަމަ ލެގުގައި ޑެންމާކް މޮޅަށް ކުޅުނު ނަމަވެސް މިރޭގެ މެޗުގައި ޕޯޗުގަލްގެ ފަރާތުން ތަފާތުތަކެއް ފެންނާނެ. މިއީ މުޅިގެން ތަފާތު މެޗެއް ކުރީގެ މެޗުގައި ކަންތައް ވީ ގޮތަކަށްނޫން މި މެޗުގައި ކަންތައް ވެގެންދާނީ." ރޮނާލްޑޯ ބުންޏެވެ.
ފުރަތަމަ ލެގުގައި ޑެންމާކަށް ލަނޑު ޖަހައިދިނުމަށްފަހު ރަސްމުސް ހޮއިލަންޑް ރޮނާލްޑޯ އާންމުކޮށް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރާ ގޮތަށް ކަންތައްކޮށްފައިވާތީ އޭނާ ވަނީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
"އެއީ އަހަރެންނަށް އެއްވެސް މައްސަލައެއް ނޫން. އެއީ އަހަރެންނަށް ކުރި މަލާމާތެއް ކަމަށް ގަބޫލެއް ނުކުރަން. އޭނާ (ހޮއިލަންޑް) އެކަންޏެއް ނޫން އެ ގޮތަށް ކަންތައް ކުރަނީ ވަރަށް ގިނަ ކުޅުންތެރިން ކޮޕީ ކުރޭ އެކަން އަދި އެއީ އަހަރެއްނަށް ލިބޭ އިތުރު އުފަލެއް. އަދި މިރޭގެ މެޗުގައި އަހަރެންގެ ފަރާތުން އެ ސެލެބްރޭޝަން ފެންނާނެ ކަމަށް މި ބަލަނީ" ރޮންލާޑޯ ބުންޏެވެ.
ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ މި މެޗުގައި އޭނާގެ އެންމެ މުހިންމު ނުވަތަ އެންމެ ބޭނުންވާ ކަމަކީ އަމިއްލަ އަށް ލަނޑު ޖެހުމުގެ ބަދަލުގައި ޓީމަށް މޮޅުވެވޭނެ ގޮތެއް ހޯދުން ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުން އެއް ވިސްނުމެއްގައި މަސައްކަތްކޮށްފި ނަމަ އެއީ ކުރެވޭނެ ކަމެއް ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.