މި ރަމަޟާންމަހު މާލެ ސަރަޙައްދުން އެވްރެކޮޖްކޮށް ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ޓަނުގެ ކުނި ނަގަމުންދާކަމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ.
އެހެން މަސްތަކާ ޚިލާފަށް ރަމަޟާންމަހަކީ ގޭބިސީތަކުން ކުނި އުފައްދާ މިންވަރު އިތުރު މައްސަރެކެވެ. ޚާއްސަކޮށް ރޯދަމަހު ބަދިގޭއި އުފައްދާ ކުނި އިތުރުވެއެވެ. އެހެންކަމުން ރޯދަމަހުވެސް ވަކި ގަޑިތަކެއްގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައިވެސް ކޮންމެ ދުވަހަކުވެސް ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދެއެވެ.
ޕީއެސްއެމްނިއުސްއަށް ވެމްކޯއިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ރޯދަމަހުވެސް އެންމެ ގިނައިން ކުނި އުފައްދަނީ މާލެ ސިޓީންނެވެ. މިގޮތުން މާލެއިން ދުވާލެއްގެ މައްޗަށް 1980 ޓަނުގެ ކުނި ނަގާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި ހުޅުމާލެއިން 1280 ޓަނުގެ ކުނި ނަގާކަމަށާއި ވިލިމާލެއިން ދުވާލެއްގެ މައްޗަށް 354 ޓަނުގެ ކުނި ނަގަމުންދާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މިއާއެކު ޖުމްލަ 3614 ޓަނުގެ ކުނި ކޮންމެ ދުވަހަކު މާލެ ސަރަޙައްދުން ނަގާކަމަށް ވެމްކޯއިން ވިދާޅުވިއެވެ. މިދިޔަ އަހަރާ ޚިލާފަށް މަގުމައްޗަށް ކުނިތައް ގިނަވުން މަދުވެފައިވާކަމަށް ވެމްކޯއިން ވިދާޅުވިއެވެ.
ރަމަޟާންމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދެނީ ރޭގަނޑުގެ ވަގުތަކުގައެވެ. އެގޮތުން މާލެއިން ރޭގަނޑު 08:30އިން ދަންވަރު 02:30އަށް ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ. އަދި ހުޅުމާލޭގައި ރަމަޟާން މަހު ކުނި ނެގުމުގެ ޚިދުމަތް ދެނީ ރޭގަނޑު 09:00އިން ދަންވަރު 01:00އާ ހަމައަށެވެ. އަދި ވިލިމާލޭގައި ޚިދުމަތް ދޭނީ ރޭގަނޑު 09:30އިން ދަންވަރު 01:30 އަށެވެ.
ވެމްކޯއިން ވަނީ ކުނި ނެރުމުގައިވެސް، ބިއްލޫރި ނުވަތަ ތޫނު އެއްޗެއް އުކާލާނާމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދު ކޮށްފައި ވަކިން ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.