ޚަބަރު

ކޯޕަރޭޝަނުން މަސައްކަތްކުރަނީ އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދޭން، އޭގެ ހެޔޮ ނަތީޖާދަނީ ފެންނަމުން: ޝަކީލް


  • ކޯޕަރޭޝަންގެ ހަވާލުގައި އަޅުކަމަށްދާ މީހުންގެ އަދަދުދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން

  • މިފަހަރު 570 މީހުންނަށް ޚިދުމަތްދޭ

ޙައްޖުވެރިންނާއި ޢުމްރާވެރިންނަށްދޭ ކޮންމެ ޚިދުމަތެއްވެސް ފޯރުކޮށްދެނީ މުހިންމި ޚިދުމަތެއްކަމަށް ދެކިގެންކަމަށާއި، އޭގެ ހެޔޮ ނަތީޖާ މިއަދު ފެންނަމުންދާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ސަޢުދީގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ޙާއްޖުކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ޝަކީލް ވިދާޅުވީ، އެކީޕަރޭޝަނުން ހޯދާ ކުރިއެރުންތަކަކީ ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާކަމަށެވެ. ޝަކީލް ވިދާޅުވީ މިދިޔަ އަހަރު ރަމަޟާން މަހު ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ޢުމްރާގެ އަޅުކަން އަދާކުރި މީހުންގެ އަދަދާ އަޅާބަލާއިރު މި އަހަރު އެއަދަދު ގާތްގަނޑަކަށް 3 ގުނަ އިތުރުކަމަށެވެ.

ޙައްޖުވެރިންނާ ޢުމްރާވެރިންނަށް ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކީ ކުޑަ ނުވަތަ އާދައިގެ ޚިދުމަތެއްކަމަށް އެ ކޯޕަރޭޝަނުން ނުދެކޭކަމަށް ޝަކީލް ވިދާޅުވިއެވެ. ކޯޕަރޭޝަނުންދޭ ޚިދުމަތްތަކީ މީހުން ބަލައިގަންނަ ޚިދުމަތަކަށް ހެދިގެން މިދިޔައީ، އެއިން ކޮންމެ ޚިދުމަތެއްގެ ފެންވަރު ރަނގަޅަށް ދިނުމަށް އެކޯޕަރޭޝަންގެ އެންމެ މުހިންމު ޒިންމާކަމުގައި ދެކިގެން ކުރުމުންކަމަށް ޝަކީލް ވިދާޅުވިއެވެ.

"ކޯޕަރޭޝަންގެ ދަށުން އަންނަ މީހުންގެ އަދަދޔ ބޮޑުތަނުން އިތުރުވެއްޖެ. މި ވޭތުވެދިޔަ އަހަރެއްހާ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ މިއީ، އޭގެ ބަދަލަކަށް ރައްޔިތިންގެ އިތުބާރު ލިބިއްޖެ"ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.

އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި ޝަކީލް ފާހަގަކުރެއްވީ މައްކާ މަދީނާ ދަތުރު ޒަމާނީ ރޭލުގައި ކުރަން ފެށުމެވެ. މިއާއެކު ކުރިން 6 ގަޑިއިރުން ކުރި ދަތުރު 2 ގަޑިއިރަށް ވަނީ ކުޑަކުރެވިފައެވެ.

ޝަކީލް ވިދާޅުވީ އެކޯޕަރޭޝަން ރާއްޖޭގެ އެހެން ޢުމްރާ ގްރޫޕްތަކަށްވެސް ނަމޫނާ ދައްކަމުންކަމަށެވެ. މިއާއެކު ގްރޫޕްތަކުންވެސް ކޯޕަރޭޝެނުންކުރާ ގޮތަށް ޚިދުމަތްތައް ރަނގަޅުކޮށް ބޮޑެތި ބަދަލުތައް ގެންނަން ފަށާފަވާކަމަށާއި، މިއީ ދެކެން ބޭނުންވި ބަދަލެއްކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

"މިހާރު ބައެއް ގްރޫޕްތަކުން ޓްރެއިންގައިވެސް ދަތުރުތައް ފަށައިފި. ކޯޕްރޭޝަނުން ބޭނުންވަނީ މިގޮތަށް ޚިދުމަތް ދިނުމުގައި ކާމިޔާބީތައް ހޯދާ، އަދި އެހެން ފަރާތްތަކަށް ނަމޫނާއަކަށް ވާން" ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވިއެވެ.

ކެއުން ހަމަޖެއްސުމުގައިވެސް، ދިވެހި ކެއުންތަކާއި އަދި ކެއުމުގެ އިންތިޒާމްތައްވެސް ވަރަށް ބޮޑަށް ރަނގަޅުކޮށްފަވާކަން ފާހަގަކުރައްވަމުން ޝަކީލް ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން، ކޯޕަރޭޝަނުންދޭ ޚިދުމަތެއްގެ ގޮތުގައި، ބައެއް ގްރޫޕްތަކަށް ކެއްކުމުގެ ޚިދުމަތް މިހާރު ހަމަޖައްސަން ފަށާފަވާކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާން މަހު، 570 މީހުން ޢުމްރާގެ އަޅުކަން އަދާކުރަމުންދާކަން އެކޯޕަރޭޝަނުގެ ތަފާސްހިސާބުތަކުން އެނގެއެވެ.