ޚަބަރު

ނާޖާއީޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި


  • މި މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ހިމެނޭހެން 5 މީހަކު ވަނީ ހައްޔަރުކޮށްފައި

ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއީޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަހީދު ހިމެނޭހެން މިހާތަނަށް 5 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ ތ. ބުރުނީ މޫނިމާގޭ އުމުރުން 21 އަހަރުގެ މުޙައްމަދު އަލްސަން އިސްމާޢީލް، ގ. ހެޕީ ސައިޑް އުމުރުން 37 އަހަރުގެ އިބްރާހީމް އަޙްމަދާއި ހަމަ އެގޭގެ އުމުރުން 47 އަހަރުގެ ޙަސަން ސަހެޝާނެވެ. މި މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ގ. ލިޓޯނިޔާ އުމުރުން 36 އަހަރުގެ މުޙަައްމަދު ޝަމްޢާން ވަޙީދު ހައްޔަރުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ރޭގެ ވަގުތެއްގައެވެ.

މި 4 މީހުންގެ އިތުރުން، ކޯޓު އަމުރެއްގެ ދަށުން މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަޙްމަދު ލައްސާން މިއަދު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ހުކުރު ދުވަހު ނެރުނު ބަޔާނުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން ފާހަގަވި ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އަދާކުރަމުންދާ ޓާސްކް ފޯރސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވާކަމަށެވެ.

އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.