ޚަބަރު

މިއަހަރުގެ ހަތްވަނަ ކްރޫޒްލައިނަރ، މިފަހަރު 300އަށްވުރެ ގިނަ ފަތުރުވެރިން


  • މި ކްރޫޒްލައިނުން ރާއްޖެއަށް 307 ފަތުރުވެރިން ވަނީ އައިސްފައި

  • މިއީ މި ކްރީޒްލައިނަށް ރާއްޖެއައި ދެވަނަ ފަހަރު

ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ލަންކާގެ ކްރޫޒްލައިނަރއެއް ދެވަނަ ފަހަރަށް ރާއްޖެއަށް އައިސްފިއެވެ. މި ކްރޫޒްލައިނަރ ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ލަންކާގެ ކޮލޮމްބޯއިން ރާއްޖެއަށް އައިސްފައިވަނީ "އެމްއެސް ކްރިސްޓަލް ސިންފޮނީ" ނަމަކަށް ކިޔާ ކްރޫޒްލައިނަރއެކެވެ. މި ކްރޫޒްލައިނުން ރާއްޖެއަށް 307 ފަތުރުވެރިންނާއި 477 ކްރޫ މެންބަރުން އައިސްފައިވާއިރު އެ މީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަކޮށްފައިވަނީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުންނެވެ.

މިއީ "އެމްއެސް ކްރިސްޓަލް ސިންފޮނީ" މިއަހަރު ރާއްޖެއަށް އައި ދެވަނަ ފަހަރުކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ. މިދިޔަ ޖަނަވަރީ މަހުގެ 10ވަނަ ދުވަހު 216 ފަތުރުވެރިންނާއި 416 ކްރޫ މެންބަރުންނާއެކު މި ކްރޫޒްލައިން ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން މިއީ މިމަހުގެ ތެރޭގައި ރާއްޖެއަށް އައި 3ވަނަ ކްރޫޒްލައިނެވެ. އެގޮތުން މިމަހުގެ 8ވަނަ ދުވަހު ސޭޝެލްސްއިން "އެމްއެސް އިންސިގްނިއާ" ނަމަކަށް ކިޔާ ކްރޫޒްލައިނަކުން ރާއްޖެއަށް 576 ފަތުރުވެރިންނާއި 406 ކްރޫ މެންބަރުން ވަނީ އައިސްފައެވެ.

މީގެ އިތުރުން މިމަހުގެ 9ވަނަ ދުވަހު "އެމްއެސް ޒުއިޑަޑަމް" ކިޔާ ކްރޫޒްލައިނަކުން ރާއްޖެއަށް 1274 ފަތުރުވެރިނާއި 751 ކްރޫ މެންބަރުން ވަނީ އައިސްފައެވެ. އެމްއެސް ޒުއިޑަޑަމްއަކީވެސް ލަންކާގެ ކޮލޮމްބޯއިން އައި ކްރޫޒްލައިނެކެވެ.

ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނަރތައް އާދެއެވެ. އެގޮތުން މިއީ މިއަހަރު ރާއްޖެއަށް އައި 7ވަނަ ކްރޫޒްލައިނާއެވެ.

ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. އަދި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 588،484 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއަޅާ ބަލާއިރު %4.8 އިތުރު އަދަދެކެވެ.