އަފްޣާނިސްތާނާއި ޕާކިސްތާނުގެ ވަކިކުރާ ހުޅަނގުގެ ސަރަޙައްދީ ރޮނގު ކައިރީގައި އަފްޣާނިސްތާނުގެ 16 ހަނގުރާމަވެރިން މަރާލާފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ، ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް އެތެެރެވާން މަސައްކަތްކުރި ހަތިޔާރު އެޅި ހަނގުރާމަވެރިންނާ މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި، 16 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. މި ކުރިމަތިލުންތައް ހިނގީ ދެކުނު ވަޒީރިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުގައި ކަމަށް ވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުންޏެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ސަރަޙައްދީ ރޮނގުގެ ސަލާމަތީ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް ތަކުރާރުކޮށް އަފްޣާނިސްތާނުގެ އިންތިޤާލީ ސަރުކާރުގެ ކިބައިން އެދިފައިވާ ކަމަށެވެ.
ކުރިމަތިލުންތައް ހިނގާފައިވަނީ، ޕާކިސްތާނުން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ޞާދިޤް ޚާން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ވަޑައިގެން ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅުން ވަނީ ގޯސްވެފައެވެ.
ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އެ ޤައުމުގައި ދޭ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ތިބީ އަފްޣާނިސްތާން ޙިމާޔަތާއި ރައްކާތެރި ކަން ފޯރުކޮށްދޭ ހަތިޔާރު އެޅި އަދި ނިރުބަވެރި ޖަމާޢަތްތަކެވެ. ނަމަވެސް، އަފްޣާނިސްތާނުން މި ތުހުމަތު ދޮގު ކުރެއެވެ.
2024 ވަނަ އަހަރު އެކަނިވެސް ޕާކިސްތާނުގައި ހަނގުރާމަވެރި ޖަމާޢަތްތަކުން 500 އަށް ވުރެ ގިނަ ޙަމަލާ ދީފައިވާއިރު، އެ ޙަމަލާތަކުގައި ސަލާމަތީ ބާރުތަކާއި އާންމުންގެ ތެރެއިން 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.