މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ށ. މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
ށ. މިލަންދޫ އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފޭ ކަމަށެވެ. އެހެންކަމުން މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ފުރިހަމަކުރުމަށް ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ. އެ ގޮތުން ގދ. ތިނަދޫއާއި ރ. އުނގޫފާރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ޤާއިމުކުރަން ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ލައިބްރަރީ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ ސަލްމާން ސެންޓަރުގައި. އަންނަ މަހު ހުޅުވޭތޯ މަސައްކަތްކުރަމުން ދަނީ. ދެން ތިނަދޫއާއި އުނގޫފާރުގައި ލައިބްރަރީތައް ޤާއިމުކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މިހާރު މަސައްކަތް ހިނގަމުންދާ އިސްލާމީ މަރުކަޒުތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން އައްޑޫ އަދި ހއ. ދިއްދޫ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް މި އަހަރު ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދު އެއްބަސްވުމުގައި ސޮއިކުރެވުނު ށ. މިލަންދޫގެ އިސްލާމީ މަރުކަޒުގެ މަސައްކަތަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މިލަންދޫގައި މަރުކަޒު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުގެ ދަށުން ކަމަށެވެ. އަދި އުންމީދަކީ މި މަސައްކަތްވެސް ވީ އެންމެ އަވަހަކަށް ނިންމާލުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދުކުރަނީ މިލަންދޫގައި ޤާއިމުކުރާ އިސްލާމީ މަރުކަޒަކީ އިސްލާމީ މުހިންމު މަރުކަޒަކަށް ވުން. އަދި އިސްލާމީ ތަޢުލީމު އެ ތަނުގައި ދެވޭނެ" ވަޒީރު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ ދިގު މުއްދަތަކަށް މަރުކަޒު ބޭނުންކުރެވޭނެ ފެންވަރަށް ކޮންޓްރެކްޓްގައި ދީފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
"މިހާރުވެސް 400 އެއްހާ ޕްރޮޖެކްޓުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުން. އެހެންނަމަވެސް މި މަރުކަޒުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް މަސައްކަތް ކުރިއަށްގެންދާނަން." ސަޢުދީ ވިދާޅުވިއެވެ.
މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑިން އުޞޫލުންނެވެ.