ޚަބަރު

ވިލާތުގެ ޤައުމުތަކުގައި ކުޑަކުދިންނަށް ޓީބީ ޖެހޭ ނިސްބަތް އިތުރުވާތީ އަވަސް ފިޔަވަޅު އަޅަން ގޮވާލައިފި


ވިލާތުގެ ޤައުމުތަކުގައި ކުޑަކުދިންގެ މެދުގައި ޓިޔުބަރކިޔުލޯސިސް (ޓީބީ) ޖެހޭ ނިސްބަތް 2023 ވަނަ އަހަރު 10 ޕަސެންޓު އިތުރުވެފައިވެ، އެ ބަލި ފެތުރެމުންދާތީ، އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ގޮވާލައިފިއެވެ.

ޔޫރަޕާއި މެދުތެރޭ އޭޝިޔާގެ 53 ޤައުމެއް ހިމެނޭ ޑަބްލިއުއެޗްއޯގެ ޔޫރަޕިއަން ސަރަޙައްދުގައި 2023 ވަނަ އަހަރު 15 އަހަރުން ދަށުގެ 7،500 އަށް ވުރެ ކުދިންނަށް ޓީބީ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 650 އަށް ވުރެ އިތުރު އަދަދެކެވެ.

"ޓީބީ ޖެހިފައިވާ ކުދިން ކަންބޮޑުވާ އަދަދަކަށް އިތުރުވުމަކީ، ފެތުރުން ހުއްޓުވޭ އަދި ފަރުވާ ކުރެވޭ ބައްޔާ ދެކޮޅަށް ހޯދިފައިވާ ކުރިއެރުންތައް އަދިވެސް ނާޒުކުކަން ހާމަކޮށްދޭ ކަމެއް،" ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ފޯ ޔޫރަޕް ހާންސް ހެންރީ ކްލޫޖް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ ޔޫރަޕިއަން ސަރަޙައްދުގެ ރީޖަނަލް ޓީބީ އެޑްވައިޒަރު އަސްކާ ޔެޑިލްބަޔޭވް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ޖުމްލަ ކޭސްތައް އިތުރުވުމަކީ ބަލި ދެނެގަނެވޭ މިންވަރު ރަނގަޅުވުމުގެ ނިޝާނެއް ކަމަށް ވެދާނެ ކަމަށެވެ.

ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބޯޑަރު ހުރަސްކޮށް މީހުން ހިޖުރަކުރާ މިންވަރު އިތުރުވެފައިވުމަކީ ވެސް، ޓީބީ ފެތުރުން އިތުރުވުމުގެ ސަބަބެއްގެ ގޮތުގައި ވެސް އޭނާ ލަފާކުރެއްވިއެވެ.

ވިލާތުގެ ޤައުމުތަކުގެ އިއްތިހާދުގައި ޓީބީ ކޭސްތަކުގެ %4.3 އަކީ 15 އަހަރުން ދަށުގެ ކުޑަކުދިން ކަމަށް ޑަބްލިޔުއެޗްއޯ އާއި ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް ގުޅިގެން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

ޔެޑިލްބަޔޭވް ވިދާޅުވި ގޮތުގައި، ވިދިވިދިގެން ތިންވަނަ އަހަރު މި އުމުރުފުރާގެ ކުދިންގެ މެދުގައި ބަލި ފެތުރޭ މިންވަރު އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ދުނިޔޭގެ ޑޮނަރުންގެ ފަރާތުން ލިބޭ ފައިސާގެ އެހީ ކަނޑައިލުމުން ފަގީރު ޤައުމުތަކުގައި ޓީބީ ފެތުރުން ކޮންޓްރޯލް ކުރުމަށް ލިބިފައިވާ ކުރިއެރުންތައް ހީނަރުވެގެންދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން މީގެކުރިން ވަނީ ދީފައެވެ.

އަދި މިފަދަ އެހީތައް ކަނޑައިލުމުން، އެ ޤައުމުތަކުން ބޭހަށް ނުގުޑާ ޓީބީގެ އާ ބާވަތްތައް އުފެދުމުގެ ފުރުޞަތު ބޮޑުކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

މިއީ ގައިންގަޔަށް އަރާ ބައްޔަކަށްވާއިރު މިބަލި ޖެހުމަށް މެދުވެރިވަނީ ނޭވާލާ ނިޒާމުގެ އެހެން ބަލިތައްވެސް ފެތުރޭ އުޞޫލުންނެވެ. ފުއްޕާމޭގެ ޓީބީ ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު އޭނާގެ ކުޅު ނުވަތަ ވައިގެ ތެރެއަށް ބޭރުވެގެންދާ ޖަރާސީމު އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ދިޔުމުން މިބަލި ފެތުރެއެވެ.