ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ ކުރިއެރުމަށް، އުތުރުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިއުން މުޙިއްމު: ވަޒީރު ޠާރިޤު


  • ހަނިމާދޫ އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް ވިދާޅުވި

  • އެއަރޕޯޓުގެ ކާމިޔާބީ ގުޅިފައިވަނީ ފަތުރުވެރިކަން ފުޅާވެފައި އޮތުމާކަމަށް ވިދާޅުވި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރިއެރުމަށް، އުތުރުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެންދިޔުން މުހިއްމު ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤު މިހެން ވިދާޅުވީ ރަށު ފަތުރުވެރިކަމަށް ބީއެމްއެލްގެ އެހީ، ހއ. އަތޮޅަށް ބީއެމްއެލް ގެސްޓްހައުސް ފައިނޭންސިންގް ތައާރަފްކުރުމަށް މިއަދު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވީ ބީއެމްއެލުން ތަޢާރަފްކޮށްފައިވާ ލޯނުގެ އެހީގައި ހއ. އަތޮޅަށް ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔުމަށް އެހީތެރިވެދޭނެކަމަށެވެ. އަދި މިއީ އެ ސަރަހައްދަށް މުހިއްމުކަމެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތައް ނިމިގެންދާއިރު، އެ ސަރަހައްދުގައި އެކަށީގެންވާ އަދަދަކަށް ފަތުރުވެރިކަމުގެ އެނދު ހުރުން މުހިއްމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މާ ލަސްތަކެއް ނުވެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހެދިގެންދާނެ، ހއ. ހދ. އަދި ށ. އަތޮޅުގައި ރިސޯޓުތަކުގެ އިތުރުން ލޯކަލް ޓޫރިޒަމްވެސް ފުޅާވެގެންދާން ޖެހޭ، އެއީ އެއަރޕޯޓު ވައިބަލް ކުރަން އިތުރު ފަތުރުވެރިކަމުގެ އެނދު ބޭނުންވާތީ،" ވަޒީރު ޠާރުޤު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މުޅި ރާއްޖެއަށްވެސް ބޭންކު އޮފް މޯލްޑިވްސްގެ މި ސްކީމް ތަޢާރަފްކުރާނެ ކަމަށެވެ. އަދި މިއީ ވިޔަފާރިތަކަށް ފުޅާކުރުން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.