ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ފްރެންޑްސް އޮފް މޯލްޑިވްސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ލަންކާ ލަޔަންސް މޯލްޑިވްސް މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި މި ފަހަރުވެސް ތިން މުބާރާތެއް ހިމެނެއެވެ. އެގޮތުން ދިވެހީންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން ޓޭޕްބޯލް މުބާރާތާއި، ސަރުކާރު އޮފީސްތަކަށް ހުޅުވާލެވިގެން ބޭއްވި އޮފީސް ޓޭޕްބޯލް މުބާރާތުގެ ކުޅުންމީގެ ކުރިން ވަނީ ނިމިފައެވެ. ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި 10 ޓީމެއް ބައިވެރިވެފައިވާއިރު، މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ބީގައި ހިމެނޭ ފްރެންޑްސް މޮޅުވީ ހިރާސާ ކެމިސްޓާ ވާދަކޮށް ދެ ލަނޑުންނެވެ. މި މުޗުގެ ގުރު ދިމާވުމުން ފްރެންޑްސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 87 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 30 ލަނޑު ހެދި ސަދުރަވަންއެވެ. ޖަވާބުގައި ހިރާސާ ކެމިސްޓް ކުޅެން އަރައި އަށް އޯވަރު ހިމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 85 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 21 ލަނޑު ހެދި އަޖިންއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗު ގްރޫޕް ބީގައި ހިމެނޭ އެސްޓީއޯއިން ކާމިޔާބުކުރީ އެލިއާ މޯލްޑިވްސްއާ ވާދަކޮށް 14 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން އެސްޓީއޯ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 108 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 31 ލަނޑު ހެދި މުޙައްމަދު ޝަފީގެވެ. ޖަވާބުގައި އެލިއާ މޯލްޑިވްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑުއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އަސްކަރު ހުސެއިން އާއި މުޙައްމަދު ޝިފާޒެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 25 ލަނޑު ހަދާފައެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ކުޅުނު ތިންވަނަ މެޗުގައި ގްރޫޕް އޭގައި ހިމެނޭ ޓީމު ޝިގިރިއާ ބައްދަލުކޮށް ލަންކާ ލަޔަންސް މޮޅުވީ 32 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ލަޔަންސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 120 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އަޑް ބޯޅައިން 33 ލަނޑު ހެދި ރަނުކަ ޕެރޭރާއެވެ. ޖަވާބުގައި ޓީމު ޝިގިރި ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 88 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 24 ލަނޑު ހެދި ރައްބީއެވެ.