ކުޅިވަރު

ރަމަޟާން 7ވީ7 ލީގު: ސެމީގެ ފަހު ޖާގަ ޕީކޭ، މުއިވެޔޮ އަދި ހައިނުސްއަށް


މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ ވެޓެރަންސް ކެޓެގަރީން ސެމީ ފައިނަލުގައި ފަހު ޖާގަތައް ކުލަބު ޕީކޭ އާއި މުއިވެޔޮ ފްރެންޑްސް ހޯދިއިރު، މާސްޓަރސް ކެޓެގަރީން ހިންނަވަރު ހައިނުސް ސެމީއަށް ދަތުރުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި މިއަދު ކުޅުނު ވެޓެރަންސް ކެޓެގަރީގެ ގުރޫޕް ސްޓޭޖް ފަހު މެޗުތަކުގެ ތެރެއިން ފުރަތަަ މެޗުގައި ކުލަބު ޕީކޭ ވަނީ ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދައި، ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ކެޓެގަރީން މުއިވެޔޮ ފްރެންޑްސް ސެމީގެ ޖާގައެއް ޔަގީންކުރީ ހިންނަވަރު ހައިނުސް 2-1 ގެ ނަތީޖާއަކުން ބަލިކުރުމައްފަހުއެވެ. އެހެން ނަމަވެސް މާސްޓަރްސް ކެޓެގަރީން ހައިނުސް ވަނީ ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށް މުބާރާތުގެ ސެމީގެ ފަހު ޖާގަ ޔަގީންކޮށްފައެވެ.

މި މުބާރާތުގައި ބުދަ ދުވަހު ކުޅޭނީ މާސްޓަރސް ކެޓެގަރީގެ ސެމީގެ ދެ މެޗެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ސޮކަރ ވެޓެރަންސް އާއި ކުލަބު ވެލެންސިއާ ބައްދަލުކުރާއިރު، ދެވަނަ ސެމީގައި އެމްއެސް މޭޓްސް ނުކުންނާނީ ހައިނުސްއާ ދެކޮޅަށެވެ.