ޚަބަރު

ރަށްރަށަށް ފޮނުވާ ޢީދު ލައިޓްތަކަކީ ކައުންސިލްތަކުގެ އެސެޓެއް، ވަޒީރު އެދެނީ ރަނގަޅަށް ބެލެހެއްޓުމަށް


  • ޢީދު ލައިޓް ރަށްތަކަށް ފޮނުވަން ވަނީ ފަށާފައި

  • ޢީދު އަލި ދިއްލުން އޮންނާނީ މި މަހުގެ 29 ގައި

  • މިއަހަރު 61 ރަށެއްގައި ލައިޓްތައް ދިއްލާނެ

ޢީދު ލައިޓްތައް ރަށްތަކަށް ފޮނުވުމަށްފަހު އެތަކެއްޗަކީ ކައުންސިލްތަކުގެ އެސެޓެއްކަމަށާއި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ޢީދުފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފެށި ހަރަކާތެކެވެ. ޢީދާއި ދިމާކޮށް ސަރުކާރުން ފެށި "ޢީދު އަލި" ޕްރޮގްރާމްގެ ސަބަބުން ގިނަ ބައެއް މޫނުމައްޗަށް އުފާވެރިކަމުގެ އިހްސާސްތައް ވަނީ ގެނުވާފައެވެ.

މިއަހަރު މި ހަރަކާތް މާފުޅާކޮށް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިދިޔަ އަހަރު 24 ރަށެއްގައި ޢީދު އަލި ދިއްލިނަމަވެސް ތަރުހީބަށް ބެލުމަށްފަހުގައި މިއަހަރު 61 ރަށުގައި ލައިޓް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ގިނަ ރަށްރަށަށް ލައިޓްތައް މާދަމާ ފޮނުވާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރާވާފައި މިވަނީ މިފަހަރުވެސް މި ތަކެއްޗަކީ އަޅުގަނޑުމެން ފޮނުވުމަށްފަހު ކައުންސިލްގެ އެސެޓްގެ ގޮތުގައި ކައުންސިލަށް ދެވޭ އެއްޗެއްގެ ގޮތުގައި ހަމަޖައްސާގޮތަށް. އަދި އެތަކެތި ކައުންސިލަށް ދިނުމަށްފަހުގައި އަޅުގަނޑުމެން ކައުންސިލްގެ ކިބައިން އެދެނީ ރައްކާތެރިކަމާއިއެކު އެތަކެތި ބެލެހެއްޓުން". ވަޒީރު ވިދާޅުވިއެވެ.

ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއި އެހީތެރިކަމާއެކުގައެވެ. ޢީދަށް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި ޢުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ.

"ޢީދު އަލި" ހަރަކާތުގެ ތެރެއިން މާލެ ދިއްލުމަށް ކުރަންޖެހޭ މަސައްކަތްތައް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން، މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަގޮތަށް ފަރުމާކޮށްފައިވާ ލައިޓުތަކާއި، ގިޑިގެތައް ބޮޑެތި މަގުތަކާއި ގިނައިން އާންމުން އެއްވާ ސަރަހައްދުތަކުގައި ދަނީ ހަރުކުރަމުންނެވެ. މިއީ އިސްލާމީ ޤައުމުތަކުގައިވެސް ޢީދު ފާހަގަކުރުމަށް ގެންގުޅޭ ސަގާފަތެކެވެ.

ޢީދަށް ރަށްތައް ދިއްލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ. އެ ދުވަހަށް ހުރިހާ ރަށަކަށް ސާމާނު ގެންގޮސް ހުރިހާ ރަށެއްވެސް ދިއްލާލެވޭނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި މި ހަރަކާތް އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެގޮތުން ސެންޓްރަލް ޕާކުގައި ދިއްލުންތައް ހަރުކުރުމުގެ މަސައްކަތްވެސް ސިޓީތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ.