ޚަބަރު

މީހުން އެންމެ ގިނަވާ ވަގުތު ތަކުގައި ޙަރަމްފުޅަށް ކުޑަކުދިން ނުގެންދަން އިލްތިމާސްކޮށްފި


ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި، މީހުން ގިނަ ވެ ބާރުބޮޑުވާ ވަގުތުތަކުގައި މާތްވެގެންވާ މަސްޖިދުލް ޙަރާމަށް ކުޑަކުދިން ނުގެންދިޔުމަށް ސަޢުދީ ޢަރަބިއްޔާއިން އިލްތިމާސް ކޮށްފިއެވެ.

ކޮންމެ އަހަރަކު ވެސް ރަމަޟާން މަހާ ދިމާކޮށް، ޅާއްޞަކޮށް ފަހު ދިހައެއްގެ ރޭތަކުގައި މަސްޖިދުލް ޙަރާމަށް ޒިޔާރަތް ކޮށް ޢުމްރާވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ. މުޅި އަހަރު ތެރޭގައި ވެސް އެންމެ ގިނަ ޢަދަދެއްގެ މީހުން ޢުމްރާގެ އަޅުކަން ފުރިހަމަ ކުރަނީ ރަމަޟާން މަހުގެ ތެރޭގައެވެ.

ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ވަނީ މިސްކިތުގައި އަޅުކަން ކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމަށްޓަކައި މި ދުވަސްވަރު މިސްކިތަށް އެންމެ ބާރުބޮޑުވާ ގަޑިތަކުގައި މިސްކިތަށް ކުޑަކުދިން ނުގެނައުމަށް އިލްތިމާސް ކޮށްފައެވެ. މިސްކިތުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރުމުގެ މުހިންމުކަން ފާހަގަ ކޮށް އެ ވުޒާރާއިން ބުނީ ނަމާދު ވަގުތުތަކާއި މިސްކިތަށް އާދަޔާ ޚިލާފަށް ބާރުބޮޑުވާ އެހެނިހެން ގަޑިތަކުގައި މިސްކިތުގައި އަޅުކަންކުރާ އެންމެންނަށް ވެސް އުނދަގޫތައް ކުރިމަތި ނުވެ އަޅުކަން ކުރެވޭނީ އޭރުން ކަމަށެވެ.

ދެ ޙަރަމް ބަލަހައްޓާ ސަޢުދީ ޢަރަބިއްޔާގެ އިދާރާއިން ވަނީ އެ އިދާރާއިން ކުދިން ބަލަހައްޓައި ދިނުމުގެ ޚިދުމަތްތައް ފޯރު ކޮށްދޭކަން ހަނދާން ކޮށްދީ އެ ޚިދުމަތުގެ ބޭނުން ހިފުމަށް ބާރު އަޅައިފައެވެ. އެ އިދާރާއިން ޙަރަމުގައި ހިންގާ ޑޭ ކެއަރ ސެންޓަރުތަކަކީ ކުދިންނަށް ރައްކާތެރި މާހައުލެއް ކަމަށާއި 24 ގަޑިއިރު އެ ސެންޓަރުތަކުގެ ޚިދުމަތް ލިބޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. މަސްޖިދުލް ޙަރާމުގައި މައިންބަފައިން އަޅުކަން ކުރާ ވަގުތު ކުދިންގެ ކަންތައްތައް އެ ސެންޓަރުތަކުން ފުރިހަމައަށް ބަލަހައްޓައިދޭނެ ކަމުގެ ޔަޤީންކަން އެ އިދާރާއިން ވަނީ ދީފައެވެ.