އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަރީނާ ސަބަލެންކާ ހޯދައިފިއެވެ.
ބެލަރޫސްއަށް އުފަން ސަބަލެންކާ މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާގެ ޑެނިއެލް ކޮލިންސްއާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހައެއް ހަތަރެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މީގެ އިތުރުން ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި މިވަގުތު ހުރި ކޮކޯ ގޯފްއާ ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ޕޮލެންޑްގެ މަގްޑާ ލިނެޓް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައެވެ. އޭނާ މި މެޗުގެ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.
ދެން މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދާފައިވަނީ އިޓަލީގެ ޖޭސްމީން ޕައޮލީނީއެވެ. އޭނާ ވަނީ ހަތަރު ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖަޕާނުގެ ނައޮމޯ އޮސާކާ ފަހަތުން އަރައި ބަލިކޮށް، ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓުން ތިނެއް ހައެއްގެ ނަތީޖާއަކުން އޮސާކާ ކާމިޔާބުކުރި ނަމަވެސް، ޕައޮލީނީ ވަނީ ފަހު ދެ ސެޓުވެސް ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.