އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫއަށް ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލަށް ރަޑުކާނޫ ދަތުރުކުރީ 17 ވަނައަށް ސީޑް ކޮށްފައިވާ އެމެރިކާގެ އަމަންޑާ އަނިސިމޯވާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އަނިސިމޯވާއާ ދެކޮޅަށް ކުޅުނު މެޗު ފެށިގެން އައިރު ރަނގަޅު ފޯމެއްގައި ހުރި އިނގިރޭސިވިލާތުގެ 22 އަހަރުގެ ކުޅުންތެރިޔާ މެޗުގެ ސެޓުތައް ހަޔެއް އެކެއް އަދި ހަޔެއް ތިނަކުން، ގެންދިޔައިރު ފުރަތަމަ ސެޓު ޔަގީންކުރަން ޖެހުނީ އެންމެ 24 މިނެޓުންނެވެ.
މިއީ ރަޑުކާނޫ 2021 ވަނަ އަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ފަހުން ޖެހިޖެހިގެން ޑަބްލިއުޓީއޭގެ މެއިން ޑްރޯގެ ހަތަރު މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ކުރިން އޮސްޓްރޭލިއަން އޯޕަންއަށްފަހު ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ރަޑުކާނޫ ވަނީ ބަލިވެފައެވެ. އަދި އޭނާގެ ކޯޗާއެކު ހަދާފައިވާ ޕާޓްނަރޝިޕް ވަނީ އެންމެ ދެ ހަފުތާ ފަހުން، މިދިޔަ ހަފުތާގައި އުވާލާފައެވެ.
މި މުބާރާތުގެ ކުއާޓާގައި ރަޑުކާނޫ ނުކުންނާނީ ދުނިޔޭގެ ހަތަރުވަނައިގައި އޮތް ޖެސިކާ ޕެގުލާއާ ދެކޮޅަށެވެ.