ޚަބަރު

އެލައިޑަށް 40 އަހަރު: މާލޭ ސަރަޙައްދުގެ މިސްކިތްތަކަށް އިފްތާރު ޕެކް ބަހަނީ


  • ގިނަ މިސްކިތްތަކުގައި މި ހަރަކާތް ކުރިއަށްދާނެ

  • މުޅި އަހަރަށް ބަހާލައިގެން ތަފާތު އިޖްތިމާއީ ހަރަކާތްތައް ކުރިއަށްދާނެ

އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ރަމަޟާން މަހަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.

އެލައިޑުން ވިދާޅުވީ، މިހާތަނަށް އިފްތާރު ޕެކް ބަހާފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި މަސްޖިދު މުހައްމަދު މިސްކިތުގައެވެ.

އެލައިޑުން މައުލޫމާތު ދޭ ގޮތުގައި ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މާލެ ސަރަޙައްދުގެ އެހެނިހެން މިސްކިތްތަކުގައިވެސް މިހަރަކާތް ކުރިޔަށްގެންދިޔުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

އެގޮތުން ހުކުރު ދުވަހު ހުޅުމާލޭގައި މިހަރަކާތް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އުސްމާން ބިން އައްފާން މިސްކިތުގައެވެ. އަދި ވިލިނގިލީގެ މަސްޖިދު އަލް ބިއްރީގައި ވެސް މިހަރަކާތް ހޮނިހިރު ދުވަހު ކުރިޔަށްދާނެކަމަށް އެލައިޑުން މައުލޫމާތުދެއެވެ.

އެލައިޑަށް 40 އަހަރުފުރުން ފާހަގަކުރުމަށް މުޅި އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް އެކުންފުނިން ވަނީ ރާވާފައެވެ. މިއީ އެކުންފުނީގެ ދެމިއޮތުމަށް ރައްޔިތުންގެ ފަރާތުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.