ޚަބަރު

ފަހު ދިހައެއްގެ ރޭތަކުގައި ދެ ޙަރަމުގައި 10،000 މީހުން އިޢުތިކާފު ކުރާނެ


މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގައި ސަޢުދީ ޢަރަބިއްޔާގެ މާތްވެގެންވާ މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީގައި 10،000 މީހުންނަށް އިޢުތިކާފު ކުރެވޭނެ އިންތިޒާމު ހަމަޖައްސަައިފިއެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގައި ދެ ޙަރަމުގައި އިޢުތިކާފު ކުރަން ބޭނުންވާ މީހުން ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރި ކޮށް އެ ކަމަށް އެދި ރަޖިސްޓްރީ ވާން ޖެހެއެވެ. އެ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ 5ވަނަ ދުވަހުން ފެށިގެން 10ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އޮތީ ހުޅުވާލައިފައެވެ. ދެ ޙަރަމުގައި އިޢުތިކާފު ކުރެވޭނީ ސަޢުދީ ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރު ވެފައިވާ މީހުންނާއި އެގައުމުގައި ދިރިއުޅުމުގެ ޙުއްދަ ނުވަތަ އިގާމާއެއް އޮންނަ މީހުންނަށް އެކަންޏެވެ.

ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުޞަތުގައި 10،000 މީހުން އިޢުތިކާފު ކުރުމަށް އެދިފައިވާތީ ސަޢުދީ ޢަރަބިއްޔާއިން ވަނީ އެ ކަން އިންތިޒާމު ކުރުމަށް ޚާއްޞަ ތައްޔާރީތަކެއް ވެފައެވެ. ދެ ޙަރަމުގެ އިސް އިމާމު، އަބްދުއް ރަޙްމާން އަލް ސުދައިސް ވިދާޅުވީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާ އެއްގޮތަށް ރަމަޟާން މަހު އަޅުކަމަށް ހުސްވެ މިސްކިތުގައި މަޑުކޮށްލުމަށް ބޭނުންވާ މީހުންނަށް ދަތި ނުވާނެ ގޮތަކަށް މިސްކިތުގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާއިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އިޢުތިކާފާ ގުޅޭ ގޮތުން ޢާންމުން ހޭލުންތެރި ކުރުމަށާއި އިރުޝާދު ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެންގެވި ކަމަށް ޝައިޚް ސުދައިސް ވިދާޅުވިއެވެ. އިޢުތިކާފު ކުރުމުގެ ޤަވާއިދުތަކާ ގުޅޭގޮތުން 50އަށްވުރެ ގިނަ ކުލާސް ނަގައިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިޢުތިކާފު ކުރާ މީހުންނަށް ޚާއްޞަ ކޮށްގެން އިންތިޒާމް ކޮށްފައިވާ ޙަރަކާތްތަކުގެ ތެރޭގައި އިޢުތިކާފަށް ތިބޭ މީހުން ޤުރުޢާން ކިޔެވުމުގައި ހެދޭ ގޯސްތައް ދެނެގަނެ ރަނގަޅު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ޤުރުޢާން ކުލާސްތަކެއް ވެސް ދަނީ ދެ ޙަރަމުގައި ނަގައިދެމުންނެވެ. އޭގެ އިތުރުން ދެ ޙަރަމުގައި ވެސް އިޢުތިކާފު ކުރާ މީހުން ތިބޭނެ ޚާއްޞަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅައިފައެވެ. އެ މީހުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް އެ ސަރަޙައްދުތަކުން ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފައެވެ.