ޚަބަރު

ޗައިނާއާއި އިންޑިޔާއާ ދެމެދު ޖެހޭ މައްސަލަތައް ހަމަނުޖެހުމަކަށް ނުގޮސް ޙައްލުކުރެވޭނެ: ޖައިޝަންކަރު


އިންޑިިޔާއާއި ޗައިނާއާ ދެމެދު މުސްތަޤުބަލުގައި މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް ހަމަނުޖެހުމަކަށް ނުގޮސް އެ ކަންކަން ޙައްލު ކުރެވޭނެ މަގުތައް އެބަހުރި ކަމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމާންޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިޔާއާއި ޗައިނާއާ ދެމެދު 3،800 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގެއް އޮންނައިރު 1950ގެ އަހަރުތަކުން ފެށިގެން ސަރަޙައްދީ ރޮނގާ ގުޅޭ ދެބަސްވުންތައް ދެ ޤައުމުގެ ދެމެދުގައި އޮވެއެވެ. ސަރަޙައްދީ ރޮނގުގެ މައްސަލައިގައި މީގެ ކުރިން ދެ ޤައުމުން ހަނގުރާމަ ކޮށްފައި ވެސް ވެއެވެ. 2020ވަނަ އަހަރު ވެސް ޗައިނާ-އިންޑިޔާ ސަރަޙައްދީ ރޮނގު ކައިރީގައި ދެ ޤައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައި، ދެ ޤައުމުގެ ބައެއް ސިފައިން ވަނީ އެ ޙަމަލާތަކުގައި މަރުވެފައެވެ.

ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައި އޮތުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ ބްރިކްސް ސަމިޓްގެ ހަވާސާގައި ބައްދަލު ކުރައްވައިފައެވެ. އެއީ 2020ވަނަ އަހަރުގެ ފަހުން ދެ ޤައުމުގެ ވެރިން ރަސްމީކޮށް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާ ކުރުމަށްޓަކައި ދެ ޤައުމުން ވެސް މުއާމަލާތު ކުުރުން އިތުރު ކޮށް އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ޗައިނާއާއެކު އޮންނަ ގުޅުމާ ގުޅޭގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމަށްވާ އޭޝިޔާ ސޮސައިޓީއާ ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި މުސްތަގުބަލުގައި މައްސަލަަތައް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށާއި، 2020ވަނަ އަހަރު ކަން ހިންގާފައިވާ ގޮތަކީ އެ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ގޮތް ނޫން ކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށާއި ދެ ޤައުމުން ވެސް މަސައްކަތް ކުރަމުން ދަނީ 2020ވަނަ އަހަރު ހިނގި ހާދިޘާގެ ސަބަބުން ކުރިމަތިވި މައްސަލަތައް ނައްތާލައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އަލުން ބިނާކޮށް އާރާސްތު ކުރެވޭތޯ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ބޮޑުވަޒީރު މޯދީ ވެސް ވަނީ މި ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ އިތުބާރާއި ޖޯޝް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އަލުން އަނބުރާ އަންނާނެ ކަމަށާއި ދެ ޤައުމުގެ ވެސް ޢަމާޒަކީ ދެ ޤައުމުގެ ދެމެދުގައި އުފެދޭ ޚިޔާލުތަފާތުވުންތައް ހަމަނުޖެހުމަކަށް ބަދަލުވިޔަ ނުދިނުން ކަމަށެވެ.