ދިވެހިރާއްޖެއަށް ޖަރުމަނުގެ އިންވެސްޓަރުން ހޯދަން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޖަރުމަނު ސަރުކާރުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރާއި މަޝްވަރާ ކުރައްވައިފިއެވެ.
 
މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިމިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރިހަށް، ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ޔާރގަން މޯހާޑް ކުރެއްވި  ވަދާޢީ ޒިޔާރަތުގައެވެ.
 
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ދެބޭފުޅުންވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ޖަރުމަނުގެ އިންވެސްޓަރުން ހޯދުމުގެ މުހިންމުކަމާމެދު ދެބޭފުޅުން ވާހަކަފުޅުދައްކަވާފައެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ދިވެހިރާއްޖެއަށް ހޯދަން ކުރެވޭ މަސައްކަތްތަކާ ސަރުކާރުގެ ފަރާތުން ގެންގުޅުއްވާ ސިޔާސަތުތައް ޖަރުމަނު ސަފީރާ ޙިއްޞާ ކުރެއްވިއެވެ.
 
ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ފަތުރުވެރިކަމާ އުމްރާނީ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަމަށް ޑރ. ޔާރގަން މޯހާޑް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، އޭނާއަށް ރައީސުލްޖުމްހޫރިއްޔާ މިއަދުގެ ބައްދަލުވުމުގައި  ޝުކުރު އަދާކުރެއްވިއެވެ. އަދި ޖަރުމަނުވިލާތުގެ ފަރާތުން ދިވެހިރާއްޖޭގެ ތިމާވެށި ތަރައްޤީ ކޮށްދިނުމަށްޓަކައި ވެދެއްވާ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ، ފާހަގަކުރައްވާފައިވެއެވެ.
 
މި އަހަރަކީ ދިވެހިރާއްޖެއާ ޖަރުމަނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމް ކުރެވުނުފަހުން 50 އަހަރުފުރޭ އަހަރުކަން ފާހަގަކުރައްވަމުން ދެޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ކުރިއެރުވޭނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާއާއި ޖަރުމަނު ސަފީރު މަޝްވަރާ ކުރެއްވިއެވެ.