ސޮކް ބޯލް ނުވަތަ އިސްޓާކީނު ބޯޅައަކީ އިހުގައި މިސްރުގެ ނިކަމެތިން މުނިފޫހިފިލިވުމުގެ ގޮތުން ކުޅުނު ކުޅިވަރެކެވެ. ފުޓުބޯޅައަށް ލޯބިކުރާ، އެހެނަސް ނިކަމެތިކަމުގެ ސަބަބުން ފުޓްބޯޅައެއް ގަތުމުގެ ނަސީބު ލިބިފައި ނެތް ފަގީރުން ކުޅުނު މިކުޅިވަރު އަދުގެ ޖީލަށް ފޯރާ، ވައިގައި ހިފާފާނެ ކަމާމެދު ގައިމުވެސް އިހުގައި މިކުޅިވަރު ކުޅުނު އެއްވެސް މީހަކު ހިއެއް ނުކުރާނެއެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ފެނުމާއެކު، މިސްރުގެ ޒުވާނުން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއްކަމަކީ މި މައްސަރުގެ އުފާވެރިކަމާއެކު މިސްރަށް އަންނަ އަނެއް އީދު ނުވަތަ ސޮކް ބޯލްގެ އީދަށެވެ.
ސޮކް ބޯލް ކުޅުމަށްޓަކައި އެންމެ ފުރަތަމަ ކުރާ ކަމަކީ ސޮކްބޯލް އުފެއްދުމެވެ. މި ބޯޅައިގެ ނަމުން ދޭހަވާ ފަދައިން މި ބޯޅައަކީ އިސްޓާކީނުން އުފައްދާ އެއްޗެކެވެ. ބޯޅަ ހެދުމަށްޓަކައި އެންމެ ފުރަތަމަ ހަދާ ގޮތަކީ ބައު އިސްޓާކީނުތަކެއް ބޯޅައެއް ފަދައިން އޮޅާ ވަށްކުރަނީއެވެ. އަދި އޭގެ ބޭރުގައި ވަކަ ނުވަތަ ޓޭޕްފަދަ އެއްޗެއް އޮޅާ ބޯޅައެއް ފަދައިން ހަރުކުރަނީއެވެ. މިގޮތަށް ބޯޅަ ހަދާއިރު މިސްރުގެ މަޝްހޫރު ކޮންމެވެސް ކުޅުންތެރިއެއްގެ އިސްޓާކީނު ކިބައެއް އަތުޖެހިއްޖިއްޔާ އަމުދުން ދެން އެއޮތީ ނަސީބު އަތުގައި ހިފާފައެވެ. މަގްބޫލު ކުޅުންތެރިންގެ ބައު އިސްޓާކީނު ކިބައަކުން މި ބޯޅަ ހަދާލުމުން މިކުޅިވަރު ކުޅޭ ކުދިންނަށް ލިބިގެންދަނީ އަމަށަކު އުފަލެއް ނޫނެވެ.
މިސްރުގެ ބަނދަރުމަތީގެ ސިޓީއެއްކަމަށްވާ އިސްކަންދަރިއްޔާއަށް ނިސްބަތްވާ އަހުމަދު ޔޫސުފް ބުނިގޮތުގައި އިސްކަންދަރިއްޔާގައި ކުޅޭ ސޮކް ބޯލް އަދި ވަކިން ޚާއްސައެވެ. މިއީ ވަރަށް މަޖާ ކުޅިވަރެއް ކަމަށާއި، މިކުޅިވަރު ކޮންމެ ކޮންމެ މީހަކަށް ނުކުޅެވޭނެކަމަށް ބުނެ އަހުމަދު ވަނީ ގޮންޖަހާފައެވެ. ސޮކް ބޯލް ކުޅުމަށް މަރުދޭ މީހެއްކަމަށްވާ، ހަރު އުމުރުފުރައިގެ އިބްރާހިމް އަބޫ އަލްވަފާ ބުނިގޮތުގައި މިއީ އާދައިގެ ކުޅިވަރެއް ނޫނެވެ. މިއީ ހުނަރު ހުރެ، ވަކި ހަމަތަކަކަށް ތަބާވެގެން ނޫނީ ނުކުޅޭނެ ކުޅިވަރެއްކަމަށް އޭނާ ސިފަކުރިއެވެ. ސޮކް ބޯލް ކުޅެވޭނީ ވަރަށް ހުނަރުހުރި މީހަކަށްކަމަށް ބުނަމުން އޭނާ ކުރީ ސުވާލެކެވެ. ކުޑަކުޑަ ބޯޅައެއް ހަނިމަގުތަކުގައި ކޮންޓްރޯލްކޮށް އިދިކޮޅު ގޯލު ފޫއަޅުވަލުމަކީ ފަސޭހަކަމަކަށްވެދާނެ ހެއްޔެވެ؟ މިސުވާލަށް ޖަވާބުދޭން ވެއްޖެނަމަ ޖެހޭނީ މިސްރުގެ ޒުވާނުންނާ ވާދަކުރުމަށް މަގުމައްޗަށް ނުކުމެ މިކުޅިވަރުގައި ބައިވެރިވާންތާއެވެ.
ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ އިބްރާހިމް ބުނީ މިކުޅިވަރު އޭނާ ނުކުޅޭ ޒަމާނެއް ހަނދާނެއް ނުހުންނަކަމަށެވެ. ކުޑައިރުގެ ފޮނި ހަނދާންތަކާ މިކުޅިވަރު ގުޅި ލާމެހިފައިވާއިރު މިއީ އޭނާ އެންމެ ލޯބިކުރާ ކުޅިވަރުކަމަށްވެސް އިބްރާހިމް ބުންޏެވެ. މިސްރުގެ އެހެން ސަރަހައްދުތަކަށްވުރެ މިކުޅިވަރަށް އިސްކަންދަރިއްޔާގައި އޮންނަ މަގުބޫލުކަން ބޮޑުކަމަށް އޭނާ ފާހަގަކުރިއެވެ.
ސޮކް ބޯލްއަކީ ފަސޭހައިން ހަދާލެވޭ ޚަރަދު ކުޑަ ބޯޅައަކަށްވެފައި، އަވަށްގަނޑު އެންމެން އެއްވެ، މުނިފޫހިފިލުވާލަން މިއަށްވުރެ މަޖާ ކުޅިވަރެއް ނޯންނާނެކަމަށް މިސްރުގެ ޒުވާނުން ބުނެއެވެ. ގޭދޮށަށް ނުކުމެ އަވައްޓެރިންނާ އެކު މިކުޅިވަރު ކުޅެލުމުން އެލިބޭ އުފާވެރިކަން ބުނެދޭން ނޭނގޭކަމަށާ ރޯދަކުރުކޮށްލުމަށް މިއީ ހަމަ "މަރެއް" ފަދަ ކުޅިވަރެއްކަމަށް އެޒުވާނުން ބުނެއެވެ.
ރޯދަ މަހާ ގުޅިގެން މިސްރުގެ އިސްކަންދަރިއްޔާގައި ސޮކްބޯލްގެ މުބާރާތްތައް އިންތިޒާމުކުރެވިގެންދާއިރު، އަހަރަކަށްވުރެ އަހަރެއް މިކުޅިވަރަށް އޮންނަ ފޯރި އިތުރުވަމުންދާކަމަށް އިސްކަންދަރިއްޔާގެ ޒުވާން ޑްރައިވަރެއްކަމަށްވާ ޠާރިޤް އަމީން ބުންޏެވެ. އިހުގައި ބައު އިސްޓާކުން އުފެއްދި ބޯޅައަށްވެސް ޒަމާނީ ކުލަޖެހި ކުދިކުދި ބަދަލުތައްވަނީ އައިސްފައެވެ. ކުރިން އިސްޓާކީނު އޮޅައިގެން ބޯޅަ އުފެއްދި ނަމަވެސް މިހާރު އާއްމުކޮށް މިކުޅިވަރު ކުޅެނީ އާދައިގެ ބޯޅައެއްގެ ބޭރުގައި ޑަކްޓް ޓޭޕް ނުވަތަ ރީތި ކުލަކުލައިގެ ރޮދި ފަދައެއްޗެއް އޮޅާ ސަޅި ގޮތްގޮތަށް ޑިޒައިންތައް ގެނެސްގެންނެވެ.
ފަހާ ފެކްޓަރީއެއްގައި މަސައްކަތްކުރާ އުމުރުން 38 އަހަރުގެ އިސާމް ބަކަރު ބުނިގޮތުގައި އޭނާގެ ފުރާވަރުގެ އުފާވެރި ދުވަސްތައް ގުޅިފައިވަނީ ސޮކްބޯލާއެވެ. މިގޮތުން ލެދަރާ ބައު ފޮތި ބޭނުންކޮށްގެން އުފެއްދި ސޮކްބޯލްތަކުގެ ހަނދާން އޭނާ އައުކުރީ ޅަފުރައިގެ ފޮނި މާޒީއަށް ދަތުރުކުރަމުންނެވެ. މިއަދު އޭނާގެ ފެކްޓަރީއިން މިފަދަ ބޯޅަތައް ގިނަ އަދަދަކަށް އުފައްދަމުންދާއިރު އޭނާ ވިސްނަނީ ގިނަދުވަހަށް ބޭނުންކުރެވޭ، ކިލާނުވެ، ފަސޭހައިން ފައިގައި ހަރުލާނެފަދަ ގޮތަކަށް މި ބޯޅަތައް ޑިޒައިންކުރުމަށެވެ.
ރަމަޟާންމަހުގެ ހަވީރު ފިންޏާއެކު، މިސްރުގެ މަގުތަކަށް އެ ނެރެން ފެށީ ނެޓުން ހަދާފައިވާ ގޯލުތަކެވެ. އާއްމުކޮށް ފިރިހެންވެރިން ކުޅޭ މިކުޅިވަރަށް، އަވަށުގެ އެއްބަޔަކު އެ ނިކުންނަނީ ސީދާ މެޗަށް އަރާށެވެ. ދެން ތިބި މީހުން މަގުގެ ޕޭމަންޓުގައި އެޖައްސާލީ ކުޅުންތެރިންނަށް ތަރުހީބުދީ ފޯރި ނަގާށެވެ. މެޗަށް "އަރުވަފާނެ" ކަމުގެ އުންމީދުގައި އައިސް މަޑުކޮށްލައިގެން ތިބި ކުދިވެރިންތަކެއްވެސް އެބަތިއްބެވެ. ކެތްމަދުވެފައި ތިބީ ގޮވާލާނެ އިރެއްގެ އިންތިޒާރުގައެވެ. ގައިމުވެސް މިސްރު މީހުންގެ ރޯދަކުރުކުރުން ގުޅިފައިވަނީ ސޮކްބޯލާކަން މި މަންޒަރުން އެކަނިވެސް ފެނިގެންދާނެއެވެ.