ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުރިން މެންޗެސްޓާ ސިޓީ އާއި ޗެލްސީއަށް ކުޅުންތެރިން ގެނައުމުގެ ފުރުސަތުދިނުމަށް މި ހޫނު މޫސުމުގައި ދެ ޓްރާންސްފާ ބާޒާރު ހުޅުވާލާނެ ކަމަށް އިނގިރޭސި ޕްރިމިއަރ ލީގުން އިއުލާންކޮށްފިއެވެ.
އެގޮތުން މި ފުރުސަތު ހުޅުވާލާނީ ޖޫން މަހުގެ 1 އިން 10 އާއި ހަމައަށް ކަމަށާއި، އޭގެ ފަހުން ފަސް ދުވަހަށް ބަންދުކުރުމަށްފަހު އަނެއްކާވެސް ޖޫން މަހުގެ 16 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 1 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެއެވެ.
ފީފާ ކުލަބު ވޯލްޑް ކަޕުގައި 32 ޓީމު ވާދަކުރާއިރު، މި މުބާރާތް ކުރިއަށްގެންދާނީ ފަހުގެ ވޯލްޑް ކަޕް މުބާރާތްތަކުގެ އާންމު ފޯމެޓަށެވެ. ޖޫން މަހުގެ 15 ވާ އާދިއްތަ ދުވަހު އެމެރިކާގައި ފަށާ ކުލަބު ވޯލްޑް ކަޕްގައި ބައިވެރިވާ ޕްރިމިއަރ ލީގުގެ ދެ ޓީމަކީ ޗެލްސީ އާއި މެންޗެސްޓާ ސިޓީއެވެ.
އެހެންކަމުން ޖޫން މަހުގެ 1 އިން 10 އަކަށް ކުލަބު ވޯލްޑް ކަޕަށް އައު ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގެ ހުއްދަ ފީފާއިން ވަނީ ދީފައެވެ. އަދި އަނެއްކާވެސް ޖޫން މަހުގެ 27 އިން ޖުލައި މަހުގެ 3 އަށް ނޮކްއައުޓް ސްޓޭޖަށް ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ހުއްދަ ވަނީ ދީފައެވެ.
ހޫނު މޫސުމުގެ ދެ ޓްރާންސްފާރ ބާޒާރުގެ ފުރުސަތާއެކު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އާއި މެންޗެންސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ފީފާ ކުލަބު ވޯލްޑް ކަޕަށް ކުޅުންތެރިން ހޯދުމަށް ފުރުސަތު ފަހިވާނެއެވެ.