ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މި އަހަރަށް އެކުލަވާލި 43 މިލިޔަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.
މި ބަޖެޓް ފާސްކޮށްފައިވަނީ ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ރޭ ބޭއްވި ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައެވެ.
މި ޖަލްސާގައި ބަޖެޓް ފާސްކުރުމުގެ އިތުރުން މި އަހަރަށް ކަނޑައަޅާފައިވާ ހަރަކާތްތައް ހިމެނޭ އަހަރީ ކަލަންޑަރުވެސް ވަނީ ފާސްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ޔައުމިއްޔާވެސް ވަނީ ފާސްކޮށްފައެވެ.
މިއަހަރު ރާއްޖޭގައި ވޮލީބޯލް އެސޯސިއޭޝަނުން ބައިނަލްއަގުވާމީ 4 މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އޭގެތެރޭގައި ވޮލީބޯޅައިގެ ދެ މުބާރާތަކާއި، ބީޗް ވޮލީ ބޯޅައިގެ 2 މުބާރާތެއް ހިމެނެއެވެ.
އަދި ރާއްޖޭގައި 21 މުބާރާތެއް ބޭއްވުމަށާއި، ބައިނަލްއަގްވާމީ 18 މުބާރާތެއްގައި ބައިވެރިވުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުން ރާއްޖޭގައި 4 ޓްރޭނިންގ ޕްރޮގްރާމެއް ބޭއްވުމަށާއި، ރާއްޖޭން ބޭރުގައި 3 ޓްރޭނިންގ ޕްރޮގްރާމް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ވޮލީބޯޅައިގެ 4 ޓްރޭނިންގ ކޭމްޕާއި ބީޗް ވޮލީބޯޅައިގެ 2 ޓްރޭނިންގ ކޭމްޕް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި 3 ޔޫތް ޑިވެލޮޕްމެޓް ޕްރޮގްރާމް ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.
މިއަހަރު ރާއްޖޭން ވޮލީބޯޅައިގެ ބައިނަލްއަގްވާމީ 10 މުބާރާތެއްގައި ބައިވެރިވާއިރު ބީޗް ވޮލީ ބޯޅައިގެ 8 މުބާރާތެއްގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގައި ވޮލީބޯޅައިގެ 17 މުބާރާތް ބާއްވަން ނިންމާފައިވާއިރު ބީޗް ވޮލީގެ 04 މުބާރާތް ބާއްވާނެއެވެ.
ދެން އެންމެ އަވަހަށް ބާއްވާނީ އޭޕްރީލް 2-10 ކަށް ބާއްވާ ރާއްޖެ ބީޗް ވޮލީި ލީގެވެ. އެއަށްފަހު އޭޕްރީލް 28-2 މޭ ގެ ނިޔަލަށް ކުރިޔަށްދާނީ ނޭޝަނަލް ޗެމްޕިއަންޝިޕް އަންހެން ޑިވިޝަން އަދި 21 އަހަރުން ދަށުގެ އަންހެން ފިރިހެން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕެވެ.