ޚަބަރު

ސަރުދާރު މައިޒާން: މިލަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ތަފާތު ޢީދު ހަދިޔާއެއް


  • ކައުންސިލްގެ ބަޖެޓުން 1.6 މިލިޔަން ވަނީ ހަރަދުކޮށްފައި

  • ކައުންސިލުން މިފަދަ ތަންތަން ތަރައްޤީކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ

ށ. މިލަންދޫއަކީ އެ އަތޮޅުގައި ތަރައްޤީގެގޮތުން ބަލާނަމަ މިހާރު އެންމެ ކުރީ ސަފުގައި ގުނާލެވޭ ރަށެކެވެ. މިހާރުވެސް ރަށުގެ ކުރިއެރުމަށް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މި އަހަރުގެ ފިތުރު އީދަށް ރައްޔިތުނަށް ހަދިިޔާއެއް ދިނުމަށް މިލަންދޫ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. "ސަރުދާރު މައިޒާން"ގެ ނަމުގައި އެ ރަށު ކައުންސިލުން ވަނީ މައިޒާނެއް ތަރައްޤީކޮށްފައެވެ. މި މައިޒާން މިރޭ 10 ޖަހާއިރު ހުޅުވުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިލަންދޫއަކީ ލޭންޑް ޔޫސްޕްލޭން ވަރަށް ރަނގަަޅަށް ހަދާފައިވާ ރަށަކަށް ވުމުން ރަށުގެ ރީތިކަން ދައްކައިދިނުމުގެ ގޮތުންނާއި ރައްޔިތުން ހިތްފަސޭހަކޮށްލުމަށް ގޮސްތިބޭނެ ތަންތަން ހެދުން ވަރަށް މުހިންމުކަމަށެވެ.

އެގޮތުން "ސަރުދާރު މައިޒާން"ގެ ނަމުގައި ހަދާފައިވާ މި މައިޒާނަކީވެސް އެފަދަ ވިސްނުމެއްގައި މި އަހަރުގެ ފިތުރު އީދަށް ރައްޔިތުނަަށް ދޭ ހަދިޔާއެއްގޮތުގައި ހަދާފައިވާ ތަނެއްކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ މި މައިޒާންއަކީ ފަހުގެ ޑިޒައިނަކަށް ރައްޔިތުންނަށް ކަމުދާނެ ފަދަގޮތަކަށް ހަދާފައިވާ ތަނެއްކަމަށެވެ. މައިޒާނުގައި ގޮނޑިޖަހާ ލެޑްލައިޓް ހަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އުންމީދަކީ އެތަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާއްތަކަށްވެސް އެ މައިޒާނަކީ ހިތްފަސޭހަތަނަކަށް ވެގެންދިޔުންކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ސަލާމް އިންވެސްޓުމަންޓާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތައް ކައުންސިލް ބަޖެޓުން 1.6 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

" މިރޭ އަޅުގަނޑުމެން ހުޅުވަން މިއުޅެނީ އީދު ހަދިޔާއެއްގޮތުގައި މިލަންދޫ ރައްޔިތުން ދިނުމަށް. އެތަނުން ތަރައްޤީގެ ސިފަ ފެންނާނެ ހެން ފަރުމާކޮށްފައިވަނީ. ހަމަ އެތާ ލެޑް ޕާކެއްގޮތައް ފެންނާނީ. އެތަނުގައި ތިބެވޭގޮތައް ގާޑަންއެއް ހެން ހަދާފައިވަނީ" އާތިފް ވިދާޅުވިއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިލަންދޫގައި ލޯކަލް ޓުއަރިޒަމް ފައްކާކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ޕްލޭންތައް ހެދި ލޭންޑްޔޫސް ޕްލޭންއާއި އެއްގޮތަށް ސަރަހައްދުތައް ކަނޑައަޅަމުންދާކަަމަށް ވިދާޅުވިއެވެ.

އެގޮތުން ރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާވެގެން ދާއިރު ފަތުރުވެރިންނަށް ކަމުދާނެ ފަދަ ތަންތަން ހެދުމަށް ކައުންސިލުން ނިންމާފައިވާކަމަށް އާތިފް ވިދާޅުވިއެވެ. އެހެންކަމުން ރަށުގެ ބަނދަރު މަތި އިތުރަށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަމަށްވެސް މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވިއެވެ.