ޚަބަރު

ޙަރަމްފުޅުގައި ކޮންމެ ދުވަހަކު ވެސް 200،000 މީހުންގެ ރޯދަ ވިއްލުން


ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ގުނަމުންދާއިރު ސަޢުދީ ޢަރަބިއްޔާގައި ހުންނަ މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީގެ ކަންކަން ބަލަހައްޓާ އިދާރާއިން، ޙަރަމްފުޅުގައި ކޮންމެ ދުވަހަކު ވެސް ރޯދަ ވިއްލުން ފޯރުކޮށްދޭ ޢަދަދު އިތުރު ކޮށްފިއެވެ. އެ ގޮތުން 200،000 މީހުންގެ ރޯދަ ވިއްލުން މިހާރު މިސްކިތުގައި ހަމަޖައްސައިދެއެވެ.

އެ އިދާރާއިން ހަރަމްފުޅަށް އަޅުކަމަށް އަންނަ މީހުންނަށް ރޯދަ ވިއްލުން ހަމަޖައްސައިދެނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ އެކި ޖަމުޢިއްޔާތަކާ ގުޅިގެންނެވެ. މިއީ ވަރަށް ފުޅާކޮށް އެ މިސްކިތުގައި ކުރާ މަސައްކަތެކެވެ. ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް ޙަރަމްފުޅުގެ 3،000 އަށްވުރެ ގިނަ މުވައްޒަފުންނާއި 1،000އަށްވުރެ ގިނަ ދަރުމަވެރިން މަޣްރިބް ވަގުތު ވަނުމުގެ ކުރިން މިސްކިތުގެ އެކި ސަރަޙައްދުތަކުގައި 3،200 ސުފުރާގެ މައްޗަށް ކާބޯތަކެތި ނެރެއެވެ. އެ މަސައްކަތަށް އެހާ ގިނަ ޢަދަދެއްގެ މީހުން ބޭނުން ވަނީ މިސްކިތުގެ ސަރަޙައްދުތަކުގެ ބޮޑުމިން އެއްކޮށްލުމުން 50 ކިލޯމީޓަރު ހުންނާތީއެވެ.

މިއީ ކިތަންމެ ބޮޑު މަސައްކަތެއް ނަމަ ވެސް ރޯދަ ވިއްލާ ނިމުމުން މިސްކިތްތެރެ ސާފު ކޮށްލަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އިރުއޮއްސޭ ވަގުތުން ފެށިގެން އެންމެ ފަސް މިނެޓު ތެރޭ މުޅި ތަން ސާފު ކޮށްލައި ނަމާދުގެ ސަފުތައް ހެދުމަށް ޖާގަ ހުސް ކޮށްލައެވެ. މަޣްރިބް ނަމާދުގެ ޖަމާޢަތް ފެށުމަށް އެއްވެސް ހުރަހެއް ނޭޅެއެވެ.

މި މަސައްކަތް މިސްކިތުގައި ކުރިއަށް ގެންދަނީ ހަރުކަށި ޞިއްޙީ މިންގަނޑުތަކާ އެއްގޮތަށެވެ. މިސްކިތުގައި ކިތަންމެ ގިނަ ބަޔަކު ރޯދަ ވިއްލި ނަމަ ވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއެވެ. އަދި އަޅުކަން ކުރާ މީހުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާ ގޮތަށް ކަންތައްތައް އިންތިޒާމު ކުރެއެވެ.