12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރު ޙިއްސާވާ 3 ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މި މަސައްކަތަކީ އަންނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ އަމާޒުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނަށް 6 ރަށް، ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއަށް 2 ރަށް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ އެމްޓީސީސީއަށް 4 ރަށުގެ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި ޕާކުތައް ތަރައްޤީކުރާނީ އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކައުންސިލްތަކާ ގުޅިގެން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކާ ގުޅިގެން އެ އިދާރާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން މަސައްކަތްކުރުމަށް އިސްކަންދެއްވާނެކަން ވަޒީރު ތަކުރާރުކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރަށްރަށުގައި އެކިއެކި މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ސަބް ކޮންޓްރެކްޓްތައް އެކުލަވާލައިގެން އެ ރަށެއްގެ ބަޔަކަށް މަސައްކަތްދީ، ރަށަށްވެސް ފައިދާވާނެ ގޮތަށް މަސައްކަތްކުރިއަށްގެންދިއުމަށް އިސްކަންދެއްވާނެ ކަމަށެވެ.
"ކައުންސިލް އިމާރާތްތައް އެޅުމުގައި އަޅުގަނޑު ބޭނުންވީ ސަބް ކޮންޓްރެކްޓަރެއް ހޯދައިގެން ރަށަށް މަންފާ ލިބޭ ގޮތަށް މަސައްކަތްކުރަން. ވަރަށް ގިނަ މަސައްކަތްތައް މިވީ މުއްދަތުގެ ތެރޭގައި ކުރެވިއްޖެ. ޕާކުވެސް އެޅޭނީ ރައްޔިތުން އެދޭ ގޮތަށް މަންފާ ލިބޭނެ ގޮތަށް." ވަޒީރު ވިދާޅުވިއެވެ.
ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތުގެ ދަށުން އާރުޑީސީއާ ހަވާލުކުރި 2 ރަށަކީ ނ. ކެނދިކުޅުދޫއާއި ނ. ވެލިދޫއެވެ. އަދި ފެނަކަ ކޯޕަރޭޝަނާ މަސައްކަތް ހަވާލުކުރި 6 ރަށަކީ ށ. ފީވަށް، ނ. މާޅެންދޫ، ނ. ކުޑަފަރި، މ. ވޭވަށުގެ އިތުރުން މ. މަޑުއްވަރީއެވެ. އެމްޓީސީސީއާ ހަވާލުކުރި 4 ރަށަކީ ށ. ކޮމަންޑޫ، ނ. މަނަދޫ، ނ. ފޮއްދޫގެ އިތުރުން ފ. ނިލަންދޫއެވެ.
މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއުކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މޭޖަރ ރިޓެއާޑް މުޙައްމަދު ނަޖާޙެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓެއާޑް އަޙްމަދު ސައުދީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރެގޭޑިއަރ ޖެނަރަލް ރިޓެއާޑް ޢަލީ ޒުހައިރެވެ.
ޕާކުތަކުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.