ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުޅިވަރުގެ 77 މަޝްރޫއެއް ނިންމުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ކުޅިވަރު ދަނޑުތަކާއި، އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިމެނޭހެން މި 77 މަޝްރޫއުގެ ޖުމްލަ އަގަކީ 204.5 މިލިޔަން ރުފިޔާއެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި 34 އައުޓްޑޯ ޖިމާއި، 28 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، 5 ފުޓްސަލް ދަނޑާއި، 7 ފުޓްބޯޅަ ދަނޑާއި އަދި 2 ވޮލީބޯޅަ ކޯޓު އެޅުމުގެ މަޝްރޫއު ހިމެނެއެވެ. މީގެ ތެރެއިން 28 މަޝްރޫއެއް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. 26 މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރިއިރު، 23 މަޝްރޫއެއް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
މި މަޝްރޫއުތައް ކުންފުނިތަކާއި ހަވާލުކުރުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ހަވީރު ހ. ބޯޅަގޭގައި ބާއްވާފައިވާއިރު، އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުންފުނިތަކުގެ ވެރިންނާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގެ ބައެއް ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ވިދާޅުވީ މި އަހަރާއި އަންނަ އަހަރު މި 77 މަޝްރޫއާއި އަދި މީގެ ކުރިން ސޮއިކުރެވުނު މަޝްރޫއުތަކުގެ މަސައްކަތް ޓައިމްލައިނާ އެއްގޮތަށް ނިންމުމަށް ކުޅިވަރާ ބެހޭ ވުޒާރާ އާއި ސަރުކާރު ކުންފުނިތަކާއި، މާލިއްޔަތާ ބެހޭ ވުޒާރާ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރުން މުޙައްމަދު ޢަފޫ ޙާމިދު ވިދާޅުވީ މި ސަރުކާރު އައިއިރު ހުއްޓިފައި ހުރި ބައެއް މަޝްރޫއުތައް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއުތަކާއެކު އައު މަޝްރޫއުތައް މިއަހަރު ހިންގަމުންދާނެ ކަމަށެވެ.
މީގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ ސޮއިކުރެވުނު މަޝްރޫއުތައް ނިންމުމަކީ ރަށްރަށުގެ ޒުވާނުން ނުބައިމަގުތަކުން ދިއުމުން ސަލާމަތް ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވީ މި ސަރުކާރުން ފައްޓަވާދެއްވާ މި މަޝްރޫއުތައް ކުރިޔަށްގެންގޮސް ނިންމާލުމަކީ އެ ދާއިރާގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް މުހިންމު ކަމެއް ކަމަށެވެ. އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟު ވަނީ މި މަޝްރޫއުތައް ކުރިޔަށް ގެންދަވާދެއްވާތީ ރައީސުލްޖުމްހޫރިއްޔާ އާއި ކުޅިވަރާ ބެހޭ ވުޒާރާ އަދި މަޝްރޫއުތަކާ ހަވާލުވި ކުންފުނިތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ސޮއި ކުރެވުނު މި މަޝްރޫއުތަކާއެކު މިއީ ދެ އަހަރުގެ ތެރޭގައި ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކޮށް، މޮޅެތި ކުޅުންތެރިން އުފެއްދުމަށް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.