ޚަބަރު

ޢީދު ހަވީރަށް މިއަދުވެސް ބޮޑު ތަރުޙީބެއް


  • ޢީދު ހަވީރު ހަރަކާތުގައި ގިނަ އަދަދެއްގެ ސްޓޯލްތައް ބަހައްޓާފައިވޭ

  • ހަރަކާތުގެ ތެރެއިން ސަގާފީ ކުޅިވަރުތައް ދައްކާލާފައިވޭ

މި އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ޢީދު ހަވީރަށް މިއަދުވެސް ގިނަ ބަޔަކު ޒިޔާރަތްކޮށްފިއެވެ.

ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގައި ކުރިއަށްގެންދާ ޢީދު ހަވީރު ހަރަކާތަކީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ޢިދު ހަވީރު ކުރިން ހަމަޖެހިފައި އޮތީ ޢީދު ދުވަހު އެކަނި ކުރިއަށް ގެންދާގޮތަށެވެ. ނަމަވެސް މިހަވީރު އަންގަރާ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ނިންމީ މިކަމަށް ގިނަބަޔަކު އެދެމުންދިއުމާއި ގުޅިގެންނެވެ.

ޢީދު ހަވީރު ހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އެކިއެކި ކުންފުނިތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. އަދި ކުޑަކުދިން ޝައުޤުވެރިވާ އެކި ކުޅިވަރުތައް ކުޅެވޭނެ މަގުވެސް ވަނީ ފަހިކޮށްދީފައެވެ. އަދި ބައެއް ސްޓޯލްތަކުން ތަފާތު ހަދިޔާތައްވެސް ކުދިންނަށް ދީފައިވެއެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ހެވިކަމުގެ ކުޅިވަރުތައްވެސް މި ހަރަކާތުގެ ތެރެއިން ދައްކާލާފައިވެއެވެ. އަދި އަސްކަރީ އެކި ހަތިޔާރުތަކާއި ބޭނުންކުރާ އުޅަނދުތަކާއެކީ ފޮޓޯ ނެގުމާއި އުޅަނދުތަކަށް އަރާ ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.

ހަމައެއާއެކު އެކި މުއައްސަސާތަކުންވަނީ ދިވެހި ސަގާފީ ބައެއް ކުޅިވަރުތައްވެސް ހުށައަޅައިދީފައެވެ. އެ ގޮތުން ބޮޑުބެރާއި ބޮޑުމަހުގެ ކުޅިވަރުތައް ދައްކާލާފައިވެއެވެ.

މި ހަރަކާތަށް ޒިޔާރަތްކުރި ކޮންމެ ކުއްޖެގެވެސް މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އަދި ކުޅިވަރުތަކާ ވަރަށް ގަޔާވެގެން މަޝްޢޫލުވެގެން ތުއްތު ކުދިން އުޅުނު މަންޒަރު ފެނިގެންދިޔައެވެ.

"ވަރަށް އުފާވޭ މިކަހަލަ ކަމެއް ބޭއްވީމަ. ވަރަށް މަޖާ މިތަނުގައި ހުރި ކުޅިވަރުތައްވެސް." ކުއްޖަކު ބުންޏެވެ.

ޢީދު ހަވީރު ހަރަކާތް ބައްލަވާލެއްވުމަށް ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިންނާއި ވަޒީރުންވެސް ވަނީ ވަޑައިގެންފައެވެ.