ޚަބަރު

ބްރޫނޯ ފެނާންޑޭޒް ނުވިއްކާނެ ކަމަށް އަމޮރިމް ބުނެފި


މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ނުވިއްކާނެ ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ ރުބެން އަމޮރިމް ބުނެފިއެވެ.

އަމޮރިމް ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގައި އޭނާގެ ޕްލޭންގައި ފެނާންޑޭޒް އަކީ މުހިންމު ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން އޭނާ ނުވިއްކާނެ ކަމަށެވެ. ފެނާންޑޭޒް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ އާއި އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

"އެއީ ވާނެ ކަމެއް ނޫން. ފެނާންޑޭޒް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން. އޭނާ އިތުރު އެއްވެސް ކްލަބަކަށް ނުދާނެ އަދި އެކަން އަހަރެން ވާނީ އޭނާ ކައިރި ބުނެފަ." އަމޮރިމް ބުންޏެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ސްޕެއިންގެ ރެއާލް މެޑްރިޑް އިން ދަނީ އުމުރުން 30 އަހަރުގެ ބްރޫނޯ ފެނާންޑޭޒް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބްރޫނޯ ފެނާންޑޭޒް ވަނީ މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް 16 ލަނޑު ޖަހައިދީފަ އެވެ. އޭނާ ވަނީ ޔޫރޯޕާ ލީގުގައި އެންމެ ފަހުން އެ ޓީމު ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފަ އެވެ.

2020 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން އިން މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ފެނާންޑޭޒް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން 187 މެޗުގައި 62 ލަނޑު ޖަހާ އިތުރު 50 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުމުގެ ކުރިން އޭނާ ވަނީ އިޓަލީގެ އުދިނޭޒީ އާއި ސެމްޑޯރިއާއަށް ވެސް ކުޅެފަ އެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެމުންދާ ފެނާންޑޭޒް ވަނީ ގައުމީ ޓީމަށް 78 މެޗު ކުޅެ 25 ލަނޑު ޖަހާފަ އެވެ.